އެމްޓީސީސީ

ފޮނަދޫ މަގު ހެދުމުގެ އަޕްޑޭޓް ދީފި

ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫއުގެ އެންމެ ފަހު މަސައްކަތުގެ އަޕްޑޭޓް އެމްޓީސީސީން ދީފި އެވެ.

އެމްޓީސީސީން ބުނީ ފޮނަދޫ މަގުހެދުމުގެ މަޝްރޫގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ފެންހިންދާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ކަމަށެވެ.

ފޮނަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ދަށުން ފެން ހިންދާ ހޮޅިވަޅުލުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ފޮނަދޫގެ މަގުހެދުމުގެ މަސައްކަތް ފްލޭނިން މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ.

އެ މަޝްރޫގެ ދަށުން، ފޮނަދޫގެ 3.64 ކިލޯ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، ފެން ހިންދާ ނިޒާމެއް ގާއިމު ކުރުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެއީ 390 ދުވަސް ތެރޭގައި ނިންމަން ޖެހޭ މަޝްރޫއެކެވެ. އެ ޕްރޮޖެކްޓްގެ އަގަކީ 53.99 މިލިއަން ރުފިޔާއެވެ.