އެމްޓީސީސީ

ތިން ރަށެއްގެ މަޝްރޫއުތަކުގެ އަޕްޑޭޓް ދީފި

އެމްޓީސީސީން ތިން ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކުގެ އެންމެ ފަހުގެ އަޕްޑޭޓް ދީފި އެވެ.

އެމްޓީސީސީން އަޕްޑޭޓް ދީފައިވަނީ ހއ. ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއާއި ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އިތުރުން މ. ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާ ގުޅޭގޮތުންނެވެ.

ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން، ކާސްޓިން މަސައްކަތްތަކުގެ 74 ޕަސެންޓް ވަނީ ނިންމާފަ އެވެ. އަދި މިހާރު ކުރިއަށްދަނީ އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމުގެ މަސައްކަތާއި ހޮޅި ވަޅުލުމުގެ މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން 5،303 މީޓަރުގެ 11 މަގު ތާރުއަޅައިގެން ތަރައްގީ ކުރާނެ އެވެ. އަދި 25،909 އަކަމީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ތައްޔާރު ކުރުމާއި 25،909 އަކަމީޓަރުގެ ސަރަޙައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި 11،113.80 އަކަމީޓަރުގެ ސަރަހައްދެއްގައި ފުޓްޕާތު ހެދުން ހިމެނެ އެވެ. އަދި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމާއި މަގުތަކުގައި ނިޝާން ހަރުކުރުމާއި ސްޕީޑް ބްރޭކަރު ހަރުކުރުމުގެ އިތުރުން މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެ އެވެ.

މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 470 ދުވަހުގެ ތެރޭގައި ކަމަށް އެމްޓީސީސީން ބުނެ އެވެ

އެމްޓީސީސީން ބުނީ ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 50 ޕަސެންޓް ނިންމާފައިވާ ކަމަށެވެ. އަދި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 22.2 ހެކްޓަރުގެ ބިން ހިއްކުމާއި 423 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 315 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ހިމެނެ އެވެ. މި މަޝްރޫއަކީ 143.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ފަތާ ސަރަހައްދުގެ ޑްރެޖިން މަސައްކަތްތަކުގެ 58 ޕަސެންޓް ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

މި މަޝްރޫއުގެ ދަށުން ކޮޅުފުށީގެ އިރުއުތުރު ފަރާތުގައި 136.6 މީޓަރުގެ ރިވެޓްމެންޓަކާއި ރަށުގެ ދެކުނު ފަރާތުގައި 382.2 މީޓަރުގެ ރިވެޓްމެންޓެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެ އެވެ. އަދި ޖުމްލަ 202.40 މީޓަރުގެ ދެ ބްރޭކްވޯޓާ ގާއިމުކުރުމާއި، އިރު ދެކުނު ފަރާތުގެ ގިރާ ސަރަހައްދަށް ވެލިއެޅުމާއި، 60 މީޓަރު 30 މީޓަރުގެ ސަރަހައްދެއް ފުންކޮށް، މޫދަށް އެރޭ ސަރަހައްދެއް ވެސް ހަދާނެ އެވެ.

365 ދުވަހުގެ ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއަކީ 22.96 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.