ތުރުކީ

އިންސާނީ ހައްގުތަކުގެ ގޮނޑިއަށް ތުރުކީގެ ތާއީދު ރާއްޖެއަށް

Jan 31, 2022
1

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަށް ރާއްޖެއިން ވާދަކުރަން ނިންމާފައިވާތީ އެ އިންތިހާބުގައި ރާއްޖެ އަށް ތާއީދުކުރަން ތުރުކީ ސަރުކާރުން ނިންމައިފި އެވެ.

ތުރުކީގެ ސަރުކާރުގެ ފަރާތުން އެކަމުގެ ޔަގީންކަން ދެއްވީ މިދިޔަ ހުކުރު ދުވަހު ރާއްޖެ ވަޑައިގެންނެވި ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ޗަވުޝޯލޫ ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ އެކު އިއްޔެ ކުރިއަށް ގެންދެވި ރަސްމީ މަޝްވަރާތަކުގަ އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ރާއްޖޭގެ ކެމްޕޭނަށް ތުރުކީގެ ތާއީދު ލިބުމަކީ ދެ ގައުމުގެ ގުޅުން ރަމްޒުކޮށްދޭ ހެއްކެއް ކަމަށާއި އަދި އެއީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއިން ކުރާ މަސައްކަތްތަކަށް ލިބިގެން ދިޔަ އިތުބާރެއް ކަމަށެވެ.

އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ ގޮނޑިއަށް ރާއްޖެއިން ވާދަކުރާކަން މިނިސްޓަރު ޝާހިދު އިއުލާންކުރެއްވީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 43 ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށް ދިޔަ ބައްދަލުވުމެއްގައި ފެބްރުއަރީ 25، 2020 ގައެވެ.

ރާއްޖޭން ކުރިމަތިލާން ނިންމާފައިވަނީ 2023 އާއި 2025 އަށް ދެމިގެންދާ ދައުރަށެވެ. އެ ދައުރުގެ އިންތިހާބު އޮންނާނީ މިއަހަރު އެވެ.

މީގެ ކުރިން ރާއްޖެއިން ވަނީ 2011 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރަށް ޖެހިޖެހިގެން ކައުންސިލްގެ ދެ ދައުރު ފުރިހަމަކޮށްފަ އެވެ. އެ މުއްދަތުގައި މޫސުމީ ބަދަލުތަކާއި އިންސާނީ ހައްގުތަކާ ގުޅުންހުރި މިންވަރު ބައިނަލްއަގުވާމީ މުޖްތަމައަށް ހާމަކޮށްދިނުމަށް ރާއްޖެއިން ހާއްސަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ވޮލަންޓަރީ ޓްރަސްޓް ފަންޑް ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް އުފެދިގެން ދިޔަ އެވެ.

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި ޖުމްލަ 47 ގައުމެއް ހިމެނޭއިރު ކައުންސިލަށް މެންބަރުން ހޮވާނީ އދގެ އާންމު ޖަލްސާއެއްގައި މެންބަރު ގައުމުތަކުން ވޯޓު ލައިގެންނެވެ.