ފޮރިން މިނިސްޓްރީ

ތުރުކީގެ ހާރިޖީ ވަޒީރު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

Jan 27, 2022
1

ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތް ޗަވުޝޯލޫ ރަސްމީ ދަތުރުފުޅެއްގައި މާދަމާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

މިނިސްޓަރު މެވްލުތުގެ ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެކެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ މިނިސްޓަރު މެވްލުތުގެ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވާނެ ކަމަށެވެ.

މިނިސްޓަރު ޝާހިދުއާ އެކު ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ވެސް މިނިސްޓަރު މެވްލުތު ކުރިއަށް ގެންދިއުމަން ނިންމަވާފައިވެ އެވެ. މަޝްވަރާތަކަށް ފަހު ދެ ގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތަކުގައި ސޮއި ކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.

ތުރުކީގައި ވެރިކަން ކުރާ އޭކޭ ޕާޓީގެ މުއައްސިސުންގެ ތެރޭގައި ވެސް ހިމެނޭ މިނިސްޓަރު މެވްލުތަކީ މިހާތަނަށް ރާއްޖެ ވަޑައިގަންނަވާ ތުރުކީގެ އެންމެ އިސް އޮފިޝަލެވެ.

މެވްލުތް ތުރުކީގެ ހާރިޖީ ވަޒީރުކަމާ އެންމެ ފަހުން ހަވާލުވެ ވަޑައިގަތީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭނާ ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޯގަސްޓް މަހާ ހަމައަށް ވެސް ތުރުކީގެ ފޮރިން މިނިސްޓަރު ކަން ކުރައްވާފަ އެވެ.

ރާއްޖެ އާއި ތުރުކީ އާއި ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ 1979 ވަނަ އަހަރު އެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަތުމަށް ނިންމަވާފައި މިވަނީ ރާއްޖެއާއި ތުރުކީއާ ދެމެދު ސީދާ ދަތުރުތައް ފެށި، ދިވެހިން ތުރުކީ އަށް ދިއުން ވަރަށް ބޮޑަށް އިތުރުވެފައިވާ ވަގުތެއްގަ އެވެ.