ރައީސް އަބްދުﷲ ޔާމީން

ހުކުމް އަވަސް ކުރަން ނިންމީ ގާނޫނާ ހިލާފަށް، ސަރުކާރުގެ ނުފޫޒުން: ޕީޕީއެމް

ދެ ފަރާތެއްގެ ދެމެދުގައި ހިނގަމުންދާ މައްސަލައެއް ކުރިއަށް ގެނދިއުމަށް އެކުލަވާލެވޭ ތާރީހުތަކަށް އެ ދެ ފަރާތާއި މަޝްވަރާ ކުރުމެއް ނެތި ބަދަލު ގެނައުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި މުޅިން ހިލާފު ކަމެއް ކަމަށާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލައިގައި އުފުލައިފައިވާ ދެ ދައުވާގެ އަޑުއެހުންތަަކުގެ ތާވަލަށް ބަދަލުގެނެސް ހުކުމް ކުރުން ފަސް މަސް އަވަސް ކުރަން ނިންމި ނިންމުމާމެދު ކަންބޮޑުވާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ މައްޗަށް ސަރުކާރާއި އެމްޑީޕީ ގުޅިގެން އުފައްދާފައިވާ ދެ ދައުވާގެ ހުކުމް ކުރުމަށް ކްރިމިނަލް ކޯޓުން އެކުލަވާލާ އާންމު ކޮށްފައިވާ ތާރީހު އަވަސް ކުރުމަށް ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ. އަދި މިހާރު އޮތް ގޮތުން ކުރިއަށް އޮތް ތިން މަހެއްހާ ދުވަހު ކޮންމެ ދެ ދުވަހަކުން އެއްދުވަހަކުހެން އެ މަނިކުފާނު ހޭދަ ކުރައްވަން ޖެހިވަޑައިގަންނަވާނީ މި މައްސަލައިގެ އަޑު އެހުންތަކުގައި ކޯޓުގައި ކަމަށް ބުނެފައިވެއެވެ.

"... ހަމައެއާއެކު މިކަމަކީ ކަނޑައެޅިގެން ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީގެ ނުފޫޒު އޮވެގެން ގެނެސްފައިވާ ބަދަލެއްގެ ގޮތުގައި ދިވެހި ރައްޔިތުން ސިފަ ކުރެއެވެ،"

ދާދި ފަހުން ސަރުކާރުގެ ވަޒީންނާއި މަޖިލީސް މެންބަރުންގެ އިތުރުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި އެމްޑީޕީ ގެ އެކްޓިވިސްޓުން ސިޔާސީ ޕޯޑިއަމްތަކާއި ސޯޝަލް މީޑިއާގެ އިތުރުން ތަފާތު ފޯރަމް ތަކުގައި ވެސް ރައީސް ޔާމީން ހުންނަވަންޖެހޭނީ ޖަލުގައި ކަމަށާއި ވަރަށް އަވަހަށް ޖަލަށް ލާނެ ކަމަށާ މިއަހަރުގެ ރަމަޟާން މަހުގެ ކުރިން ޖަލަށް ލާނެ ކަމަށް ބުނެ ވަރަށް ފާޅުކަން ބޮޑުކޮށް ވާހަކަ ދައްކާ އެކަމަށް ބާރު އަޅާ މަސައްކަތް ކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

"އެހެންކަމުން ދަށު ކޯޓުތަކާއި ހައި ކޯޓުގައި ހިނގާ މައްސަލަތަކަށް ސަރުކާރުގެ އިސްވެރިންނާއި އެމްޑީޕީގެ ފަރާތުން ނުފޫޒު ފޯރުވާ އަތްބާނައިގެން އެ މީހުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް ކުރަމުން ގެންދާ މަސައްކަތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މި މައްސަލަ ކުރިއަށް ގެންދިއުމަށް އެކުލަވާލި ތާވަލަށް މިހާ ބޮޑު ބަދަލެއް ގެންނަން ޖެހުނު ސަބަބެއް ސާފުކޮށް އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއި ބެހޭ މުއައްސަސާތަކަށް ގޮވާލަމެވެ،" އިދިކޮޅު ކޯލިޝަންގެ ބަޔާނުގައިވެއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލް އާދަމް އާސިފް މިއަދު އަވަސްއަށް ވިދާޅުވީ އެންމެ ފަހުން އާރަށު މައްސަލައިގައި ބޭއްވި އަޑުއެހުމުގައި އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވެދެއްވި ތާވަލަށް ބަދަލުގެނެސް އެކަން މިހާރު އެބޭފުޅުންނަށް އަންގަވާފައިވާ ކަމަށެވެ.

އާސިފް ވިދާޅުވީ ހުކުމް އިއްވުމަށް މިހާރު ތާވަލުކޮށްފައި ވަނީ މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހަށް ކަމަށެވެ. އެގޮތަށް ބަދަލުކުރުމަށްފަހު އަންގާފައި ވަނީ ވަކީލުންނާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއް ނެތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި މައްސަލައިގެ ހުކުމް އިއްވުމަށް ކުރިން ތާވަލުކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހެވެ.

މީގެ އިތުރުން ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވާ ދެ ދައުވާގެ އަޑުއެހުންތަައް ނިންމައިލުމަށް ފަހު އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހު ހުކުމް ކުރުމަށް ނިންމައި ވަކީލުންނަށް ވަނީ އަންގާފައެވެ. ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއަކީ ވެސް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާ ކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ. ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ޔާމީން ނަންގަވާފައިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ.