މުހައްމަދު ނާޒިމް

އެމްއެންޕީގެ ވައުދެއް؛ އިއްސާ ބޯވަ މާކެޓް ކޮށްދޭނެ

ކޮމަންޑޫ ދާއިރާ ނިސްބަތްވާ ކޮމަންޑޫ އާއި މަރޮށި އަދި ފޯކައިދޫގައި އިގްތިސާދީ ހަރަކާތްތައް ފުޅާކުރުމަށް ހާއްސަ އިސްކަަމެއް ދެއްވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރަައީސް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާން އިދްރީސްގެ ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދުގެ ވާހަކަ އެއްވެސް ލީޑަރަކު ނުދައްކާ ކަމަށާ ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ ގޮތުގެ ވާހަކަ އެ ލީޑަރުން ނުދައްކަވާ ކަމަށެވެ.

އިގްތިސާދާ ނުލާ ރައްޔިތެއް ނެތް ކަމަށް ވިދާޅުވެ ނާޒިމް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރަށްރަށުގައި އިގްތިސާދީ އެއްވެސް ހަރަކާތެއް ނެތް ކަަމަށެވެ. ކޮމަންޑޫ ދާއިރާގެ ރަށްރަށުގެ ޒުވާނުންނަކީ އިއްސާއި ބޯވަ ފަދަ ފަރުން ނަގާ ދިރޭތަކެތިން އާމްދަނީ ހޯދޭނެ ރަނގަޅު ފުރުސަތަކަށް އެދިއެދި ތިބި ޒުވާނުން ކަމަށާ ނަމަވެސް މިހާރު އެ މަސައްކަތުން ރައްޔިތުންނަށް ލިބޭ ނަފައެއް ނެތް ކަމަށެވެ.

ނާޒިމް ވިދާޅުވީ ހަންނާން އިންތިހާބު ކޮށްދެއްވައިފިނަމަ ކޮމަންޑޫ ދާއިރާގެ ރައްޔިތުން ކުރާ އެ މަސައްކަތް މާކެޓް ކޮށްދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ތި ބޭފުޅުން ނަފާ ގޮތުގައި ތި ނަގާ ހުރިހާ ތަކެތި ގަނެ މާކެޓް ކުރެވޭނެ ގޮތް މި ޕާޓީން ހަދައި ދޭނެ،"

ނާޒިމް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ރަށްތަކުން ފެނުނީ މާޔޫސްކަން ކަމަށާ އެ ރަށްތަކަށް ކުރީ ސަރުކާރުތަކުން އޮތީ ވަރަށް ބޮޑަށް އިހުމާލުވެފައި ކަމަށެވެ. އެ އިހުމާލުވުމަކީ ޕީޕީއެމް އާއި އެމްޑީޕީ ފެއިލްވެފައިވާ ކަމުގެ ސާފު މިސާލެއް ކަމަށްވެސް ވިދާޅުވިއެވެ.

އެމްއެންޕީއަކީ ރައްޔިތުންގެ ހައްގުގައި އަބަދުވެސް ވަކާލާތު ކުރާނެ ޕާޓީއެއް ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. ދާއިރާގައި ރިސޯޓް ނެތް ވާހަކަ ދެއްކުމުން ރިސޯޓް ހަދަން ރަށްތަކެއް ނެރެފައިވާ ކަމަށާ މަތިކޮމަންޑޫ ގުޅާ ނުލެވި އޮތުމުން އެކަންބޮޑުވުން އުފުލުމުން އެ މަސައްކަތްވެސް މިހާރު ފެށިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އައިސްޕްލާންޓް ނެތް ވާހަކަ ދެއްކުމުން އެ މަސައްކަތްވެސް މިހާރު ހިނގަމުންދާ ކަމަށް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ސަރުކާރުން އަޅާ ނުލައި ތިބި ނަމަވެސް ސްޕިލްވޭއެއްގެ މުހިންމު ކަމާއި ށ އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅުމުގެ ވާހަކަ ހަރުއަޑުން ދައްކާނެ ކަމަށެވެ.

"އަޅުގަނޑުމެން ތި ބޭފުޅުންނަށް މި ދެއްކީ މި ހުރިހާ މުހުތާދުތަކުގެ ވާހަކަ ދައްކާނެ ކެންޑިޑޭޓެއް،" ހަންނާންއާ ގުޅޭގޮތުން ނާޒިމް ވިދާޅުވިއެވެ.

އަޅުގަނޑަށް ފާހަގަވީ ހަންނާނަކީ އަހުލާގު ރަނގަޅު، ގަޑިން ގަޑިއަށް ވަޑައިގަންނަވާ ކަމަށް ކަމޭ ހިތްތައްވާ ވިދާޅުވާ ކަމެއް އެ ގޮތަށް ކުރައްވާ ބޭފުޅެއްގެ ގޮތުގައި. އަޅުގަނޑު މިހެން މި ދަންނަވާލީ އަޅުގަނޑާއެކު މި ހޭދަވި މަހެއްހާ ދުވަހު އަޅުގަނޑަކަށް ހަންނާނު ކައިރި ގަޑިއަށް އަންނާކަށް ބުނާކަށް ނުޖެހޭ އިނގޭތޯ. އޭގެން މި އަންގައިދެނީ މިކަމަށް ސަމާލުކަންދޭ މިންވަރު. މިވަރުގެ މީހެއް ނޫންތޯ އަޅުގަނޑުމެން ހޮވަންވީ. އަޅުގަނޑު ތި ބޭފުޅުންނަށް ޔަގީންކަން މި އަރުވަނީ ހަންނާނަކީ ތި ބޭފުޅުން ފަހުރުވެރިވާނެ ބޭފުޅެއް
މުހައްމަދު ނާޒިމް (ކާނަލް) | މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލީޑަރު

ނާޒިމް ވިދާޅުވީ ހަންނާންގެ ކެންޕެއިނަށް ދާއިރާގައި ހުޅުވި އެމްއެންޕީގެ އޮފީސްތައް ދެން ބަންދު ނުކުރާނެ ކަމަށެވެ. ރައްޔިތުންގެ އަޑު އަހަން އަބަދުވެސް އެ އޮފީސްތައް ހުޅުވިފައި ހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ މިއަދާ ހަމައަށްވެސް ރައްޔިތުންގެ ހާލު ބެލުމަށް އެމްއެންޕީން ކުރި މަސައްކަތް ކުރެވުނު އެހެން އެއްވެސް ޕާޓީއެއް ނޯންނާނެ ކަމަށެވެ. އެމްއެންޕީން އެ މަސައްކަތުގައި ދެމި އޮންނާނެ ކަމަށްވެސް ތަކުރާރުކޮށް ވިދާޅުވިއެވެ.