ދުނިޔެ

އަފްޣާން ޔުނިވާސިޓީތައް ހުޅުވަނީ

އަފްޣާން ޔުނިވާސިޓިތައް ހުޅުވަން ތައްޔާރުވަމުން ގެންދާ ކަމަށް ތާލިބާނުން ސަރުކާރުގެ އިންތިގާލީ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު، ޝެއިޚް އަބްދުލް ބާގީ ހައްގާނީ ވިދާޅުވެއްޖެ އެވެ.

އަބްދުލް ބާގީ ހައްގާނީ ވިދާޅުވި ގޮތުން މިވަގުތު، ފެބްރުއަރީ ދޭއްގައި ހުޅުވަން އޮތީ ފިނިމަޑު އަވަށްތަކުގައި ހުންނަ ޔުނިވާސީޓީތަކެވެ. އަދި ފިނި ގަދަ ސަރަހައްދުގައި ޔުނިވާސީޓީތައް ހުޅުވުން އޮންނާނީ ފެބްރުއަރީ 26 ގައި ކަމަށް ވެސް އޭނާ ވިދާޅު އެވެ.

އަފްޣާނިސްތާންގައި އޮތް މަދަނީ ސަރުކާރު މިދިއަ އަހަރު އޯގަސްޓްގައި ތާލިބާނުން ޖަހައިގަތް ފަހުން ޔުނިވާސީޓީތައް ހުންނަނީ ބަންދު ކޮށްފަ އެވެ. ދުނިޔޭގެ ގައުމުތަކުން ތާލިބާނުން ހަމަމަގަށް ރުޖޫއަވާން ގޮވާލާފައި އޮތް ނަމަވެސް ތާލިބާނުންގެ ފަރާތުން އެއްބާރުލުން ދޭތީއެއް ނުފެނެ އެވެ.

ދުނިޔޭގެ ހާލަތަށް މަޖުބޫރު ވެގެން ޔުނިވާސިޓީތައް ހުޅުވި ނަމަވެސް ދެ ޖިންސަށް ކިޔަވައިދިނުމަށް ތާލިބާނުން ތައްޔާރުވެފައި އޮތް ކަމަކަށް ނުފެނެ އެވެ. ޚަބަރުތައް ބުނާ ގޮތުން ތާލިބާނުން މިވަގުތަށް ހުޅުވާނީ ފިރިހެން ދަރިވަރުންނަށް ޚާއްސަ ޔުނިވާސިޓީތަކެވެ.

އަންހެން ދަރިވަރުންގެ ޔުނިވާސިޓީތައް ހުޅުވުމާ މެދު ތާލިބާނުން އިތުރު މައުލޫމާތެއް ނުދެ އެވެ. އެކެމާ ބެހޭ ގޮތުން ވާހަކަ ދައްކަން ވެސް ބޭނުމެއް ނުވެ އެވެ.

ތާލިބާން ސަރުކާރުގެ އޮފިޝަލުން ވިދާޅުވާ ގޮތުން އަންހެން ދަރިވަރުންނަށް ތައުލީމް ދިނުން އޮންނާނީ މުޅިން ވަކިންނެވެ. އެކަމަކު އެއީ ކޮން ގޮތަކަށް އަދި ކޮން ތަނެއްގައި ކަމެއް ހާމައެއް ނުކުރެ އެވެ.

އަފްޣާންގައި މިހާރު ވެސް ޕްރައިވެޓް ޔުނިވާސިޓީތައް ހިންގަ އެވެ. ތާލިބާން ސަރުކާރުން ޚާއްސަ ހުއްދައެއް ހޯދައިގެން ހިންގާ ގިނަ ޔުނިވާސިޓީތަކަށް އަންހެން ކުދިން ދަރިވަރުން ގޮސް އުޅޭތީ ނުފެނެ އެވެ. ޚަބަރުތައް ބުނާ ގޮތުން އަންހެން ދަރިވަރުންނަށް މިވަގުތު ފުރުސަތު ލިބޭނީ ޚާއްސަ ހާލަތެއްގަ އެވެ.

ތާލިބާނުން ބުނާ ގޮތުން ކަނބަލުން ތިބޭނީ ގޭގަ އެވެ. އާއިލާ ބެލެހެއްޓުމަކީ ކަނބަލުންގެ މައިގަނޑު ޒިންމާ އެވެ.

އެހެން ނަމަވެސް އަންހެން ފިރިހެން ތަފާތު ނުކޮށް ތައުލީމް ދިނުމަށް ދުނިޔޭގެ ޖަމާއަތްތަކުން ތާލިބާނުންނަށް އޮތީ ގޮވާލާފަ އެވެ. ތާލިބާން ސަރުކާރުން މިކަމުގައި ލުއި ދޭތީ އަދި ނުފެނެ އެވެ. އެހެން ނަމަވެސް ދުނިޔޭގެ ބާރުތަކަށް ކޮންމެވެސް ވަރަކަށް އެއްބާރުލުން ދޭތަން މިހާރު ފެނެ އެވެ.