މިނިސްޓްރީ އޮފް އެޑިއުކޭޝަން

ޕްރިންސިޕަލުންގެ ސްކޮލާޝިޕަށް 60 އަށް ވުރެ ގިނަ ހުށަހެޅުން

Feb 1, 2022

ސަރުކާރުން ހުރިހާ ހަރަދެއް ކުރާ ގޮތަށް ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ހުޅުވާލި 20 ސްކޮލާޝިޕްގެ ފުރުސަތަށް 60 އަށް ވުރެ ގިނަ ބޭފުޅުން ކުރިމަތިލައްވައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މި ފުރުސަތު ހުޅުވާލީ މިދިޔަ ނޮވެމްބަރު 23 ވަނަ ދުވަހު އެވެ.

މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ސްކޮލާޝިޕަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެކަމަށް ހޮވޭ ބޭފުޅުން ކަނޑައެޅުމުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކު އެ މަސައްކަތް ނިންމާ ހޮވޭ ބޭފުޅުންނަށް އެކަން އަންގާނެ ވަކި ދުވަހެއް ވިދާޅުވެފައެއް ނުވެ އެވެ.

ސްކޮލާޝިޕަށް ހޮވޭ މީހުންނަށް ކިޔެވުމަށްދާ ހަރަދާއި، މުސާރައާއި އެއްވަރުގެ އެލަވަންސެއްގެ އިތުރުން ދެކޮޅު ޓިކެޓް ސަރުކާރުން ދިނުމަށް ހަމަޖައްސާފައިވެ އެވެ. ކޯސް ނިންމުމަށްފަހު ސަރުކާރުން ކަނޑައަޅައި ސްކޫލެއްގައި އެ މީހުން ވަކި މުއްދަތަކަށް ހިދުމަތް ކުރަންޖެހޭ ގޮތަށް ބޮންޑުކުރަން ވެސް ނިންމާފައިވެ އެވެ.

ސްކޮލާޝިޕް ލިބޭ ބޭފުޅުން އެޑިޔުކޭޝަން މެނޭޖްމަންޓް ދާއިރާ އިން، މެލޭޝިއާގައި ކިޔެވުމަށް ހަމަޖެހިފައިވަނީ މާސްޓާސް އިން ސްކޫލް އެޑްމިނިސްޓްރޭޝަން އެވެ.

ސްކޮލަޝިޕަށް ހޮވޭ ޝަރުތުތައް

  • ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ތައުލީމީ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައިވުން.
  • ޓީޗަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން.
  • އެޑިޔުކޭޝަން މިނިސްޓްރީން ކުރިން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.
  • ކޯހަށް ކަނޑައަޅާފައިވާ ދާއިރާއިން މާސްޓާސް ޑިގްރީ ފެންވަރުގެ ކޯހެއް ނިންމާފައިވާ ފަރާތެއް ކަމުގައި ނުވުން.

ސްކޮލާޝިޕަށް ހޮވޭ މީހުން ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ވަކި ދާއިރާ ތަކަކުން މާކްސް ދިނުމަށްފަހު އެންމެ މަތިން މާކްސް ހޯދާ މީހުން ތަރުތީބުކޮށް އެއާ އެއްގޮތަށެވެ. މާކްސް ދިނުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ތަޖުރިބާއަށް 30 ޕަސަންޓާއި އިންޓަވިއުގައި ހުށަހަޅާ ޕްރެޒެންޓޭޝަނަށް 30 ޕަސަންޓުގެ އތުރުން އިންޓަވިއު އަށް 40 ޕަސަންޓެވެ.

ސްކޫލުތަކަށް ޕްރިންސިޕަލުން ލިބުމުގެ މައްސަލަ ވަރަށް ބޮޑު ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ މަޖިލީހުގައި ވިދާޅުވެފަ އެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.