ވިނަރެސް ފްލެޓް

ވިނަރެސް ފްލެޓް ގަންނަން 288 މީހުން ހުށަހަޅައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދަމުންދާ ވިނަރެސް ޕްލެޓްތަކުން އެޕާޓްމަންޓް ގަންނަން 288 މީހުން ހުށަހަޅާފައިވާ ކަމަށް އެޗްޑީސީން ބުނެފި އެވެ.

ވިނަރެސް ފްލެޓްތައް ގަތުމަށް އެޗްޑީސީން މިހާތަނަށް ހުޅުވާލީ ހިޔާ ފްލެޓް ލިބުނު މީހުންނަށާއި ސީލައިފް ފްލެޓްތަކަށް ލާރި ދެއްކި މީހުން އަދި ގުޅީ ފަޅުން ފްލެޓް ލިބުނު މީހުންނަށެވެ.

ހިޔާ ފްލެޓު ދޫކޮށްލުމަށް ފަހު ވިނަރެސް އަށް ބަދަލުވާން 79 މީހަކު ހުށަހެޅި ކަމަށާއި ނަމަވެސް އެކަމަކު އޭގެ ތެރެއިން ހަތަރު މީހަކު އެޕްލިކޭޝަން ފުރިހަމަ ނުވެގެން ކެންސަލުކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.

ގުޅީފަޅުން ފްލެޓް ގަތް މީހުންގެ ތެރެއިން 96 މީހަކު ވިނަރެސް ފްލެޓް ގަތުމަށް އެޕްލައިކޮށްފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ. އަދި ސީލައިފް އިން ފްލެޓް ގަތް މީހުންގެ ތެރެއިން ވިނަރެސް ފްލެޓް ގަތުމަށްހުށަހެޅީ 177 މީހެއް ކަމަށެވެ.

ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޮމްޕެނީން ހަދަމުންދާ ވިނަރެސް އެޕާޓްމަންޓްތަކުގައި ތިން ކޮޓަރީގެ ތަނެއްގެ ބޮޑުމިނަކީ 902-883 އަކަފޫޓެވެ. ވިނަރެސް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރުގައި 1،344 ފްލެޓް ހުންނައިރު އެ ހުރިހާ އެޕާޓްމެންޓެއްގައި ވެސް ތިން ކޮޓަރިއާއި ތިން ފާހާނާ އަދި ބެލްކަންޏެއް ހުންނާނެ އެވެ.

ވިނަރެސް ފްލެޓްތަކުގައި ހިމެނޭ މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 އެޕާޓްމަންޓެވެ. އައުޓާ ވިއުގައި 372 އެޕާޓްމެންޓް ހިމެނޭއިރު އިނާ ވިއުގައި ހިމެނެނީ 352 އެޕާޓްމަންޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 އެޕާޓްމެންޓް ހިމެެނެ އެވެ.

ވިނަރެސް ފްލެޓްތަކުގައި އަގުތައް އުޅެނީ 2.5 މިލިއަން ރުފިޔާ އާއި 2.7 މިލިއަން ރުފިޔާގަ އެވެ. އެޗްޑީސީން ބުނީ އިންސްޓޯލްމަންޓުން ފައިސާ ދައްކައިގެން 20 އަހަރު ނުވަތަ 25 އަހަރުން އަމިއްލަ ކުރާނަމަ ފްލެޓްގެ އަގު ދެގުނަ ވަރު ވާނެ ކަމަށެވެ.

މި މަޝްރޫއު ނިމޭއިރު ހުރިހާ ޓަވަރެއްގައި އޭޓީއެމް، ސްމާޓް ރެޑީ، ޕާކިން ޒޯން، އަދި ސީސީޓީވީ ކެމެރާ ހުންނާނެ އެވެ. މި ޓަވަރުތަކުގެ ގްރައުންޑް އަދި ފުރަތަމަ ފްލޯ ކޮމާޝަލް ސްޕޭސްތަކަށް ހާއްސަ ކުރެވޭނެ ކަމަށް އެޗްޑީސީ އިން ބުނެ އެވެ. އެގޮތުން މި ކޮމާޝަލް ސްޕޭސްގައި ސުޕަ މާކެޓް، އޮފީސް ސްޕޭސް، މެދު ފަންތީގެ ފިހާރަތައް، ކެފޭ / ރެސްޓޯރެންޓް އަދި ޖިމް ހިންގާނެ ޖާގަ އަދި އިތުރު ހަރަކާތްތައް ހިންގާނެ ހުސް ޖާގަ ލިބިގެންދާނެ އެވެ.