ރައީސް އަބްދުﷲ ޔާމީން

ރަށްރަށުގައި އުފެދޭ ވަޒީފާތަކަށް ނަގާނީ ޕީޕީއެމް ކުދިން: ޔާމީން

ޕީޕީއެމްއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިއްޖެނަމަ ވަޒީފާ ދޭނީ އެ ޕާޓީގެ މެމްބަރުންނަށް އެކަނި ކަމަށް ހުކުރު ދުވަހުގެ ރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ކަމަށް ދެކެވޭ ވާހަކަތައް އެމަނިކުފާނު އިތުރަށް ސާފުކޮށްދެއްވައިފި އެވެ.

ޗެނަލް-13 އިން މިރޭ ގެނެސްދިން ޕްރަގްރާމެއްގައި ބައިވެރިވެވަޑައިގެން ރައީސް ޔާމީން ވިދާޅުވީ ދެން އުފެދޭ ޕީޕީއެމްގެ ސަރުކާރެއްގައި ވަޒީފާތަކަށް މީހުން ނެގުމުގައި ތަފާތު ކުރުންތަކެއް ގެންގުޅުއްވާނެ ކަމަށެވެ. އެ ތަފާތު ކުރުން ގެންގުޅެން ޖެހޭ ސަބަބުވެސް އެމަނިކުފާނު ވަނީ ސާފުކޮށްދެއްވާފައެވެ.

ވިދާޅުވީ ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް މި ސަރުކާރުން ވަޒީފާތައް އުފައްދަަމުންދާ ކަމަށާ އެ ވަޒީފާތަކަށް ކޮލިފައިޑް މީހުން ނެގުމުގެ ބަދަލުގައި މުޅީންވެސް ނަގަނީ އެމްޑީޕީގެ މެންބަރުން ކަމަށެވެ. މިދިޔަ ދުވަސްތަކުގައި ކޮމަންޑޫ ފެނަކަ ބްރާންޗުން އެކަނިވެސް 50 ވަޒީފާ އުފައްދާ އެމްޑީޕީގެ މެންބަރުންނަށް ދީފައިވާ ކަމަށް ވިދާޅުވިއެވެ.

އަދި އެ ދާއިރާއަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓްގެ ކެންޕެއިންގައި މަސައްކަތް ކުރާ މީހުންނަށް އަނިޔާ ދިނުމުގެ ބޭނުމުގައި އެ މީހުންގެ އާއިލާއަށް ނިސްބަތްވާ އެތައް ބަޔަކު ވަޒީފާއިން ވަކި ކުރަމުންދާ ކަމަށެވެ.

"އިހަށް ދުވަހު ކޮމަންޑޫ ދާއިރާއަށް ގޮސް ފެނަކައިން އެކަނި އެ އުފެއްދީ 50 ވަޒީފާ. ހަމަ އެ މީހުންގެ [އެމްޑީޕީ] ކުދީންނަށް ވަޒީފާ އެ ދެނީ. މިއީ ރިޝްވަތު. މިއީ ގާނޫނާ ހިލާފު ކަންކަން. އެހެންވީމަ އަޅުގަނޑުވެސް އެބަޖެހޭ އަޅުގަނޑަށް ތާއީދު ކުރާ މީހުން ހިފަހައްޓަން. އެހެންވީމަ އަޅުގަނޑު ބުނި ވާހަކައަކީ މުޅި ދައުލަތުގެ ހުރިހާ ވާހަކަތައް ބަހާ ވާހަކައެއް ނޫން. މިހާރުވެސް މި ރަނގަޅު ކުރަނީ. އޭރުވެސް ބުނެފައި އޮންނާނީ އެހެނެއް ނޫން. އަޅުގަނޑު ދެންނެވި ވާހަކައަކީ ސިޔާސީ ގޮތުން އަޅުގަނޑުމެން ދާންވާ ހިސާބަކަށް ދިއުމަށްޓަކާ ޕީޕީއެމުން ނިންމަފާނޭ ކޯލިޝަނެއް ހަދަން. އަޅުގަނޑު ނިންމާނެއެކޭވެސް ނޫން ދެންނެވީ. ޕީޕީއެމުން ކޯލިޝަން ހެދި ނަމަވެސް، ރަށްރަށުގައި ހުންނަ ވަޒީފާތަކަކީ ވަރަށް މަދުން އުފެދޭ ވަޒީފާތަކެކޭ މައިގަނޑު ވަޒީފާތައް މި އޮންނަނީ މާލެއާ ބޮޑެތި ރަށްރަށުގައި. ކުދިކުދި ރަށްރަށުގައި ފެނަކަ ނުވަތަ ކޯޓްގައި ނޫނީ އެހެން ތަނެެއްގައި އުފެދޭ ވަޒީފާ މިއީ ނިސްބަތުން ވަރަށް މަދު އެއްޗެއް މާލެއާ ބަލާފައި. އެެހެންވީމަ ރަށްރަށުގައި އުފެދޭ ވަޒީފާތަކެއް އަޅުގަނޑު ނުދޭނަމޭ ކޯލިޝަނަކަށް. އެ ވަޒީފާތައް ހާއްސަ ކުރާނީ ޕީޕީއެމްގެ މީހުންނަށޭ. އެއީ ދައުލަތުގެ ހުރިހާ ވަޒީފާތަކެއް ހާއްސަ ކުރާ ވާހަކައެއް ނޫން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ތާއީދު ކުރާ ރައްޔިތުން ހިފަހައްޓަން އެމަނިކުފާނުވެސް މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އެހެން ކަމުން ދެން އުފެދޭ ޕީޕީއެމްގެ ސަރުކާރެއްގައި ކުދި ރަށްރަށުގައި އުފެދޭ ވަޒީފާތައް ހާއްސަ ކުރާނީ ޕީޕީއެމްގެ މެންބަރުންނަށް ކަމަށް ވަރަށް ސާފުކޮށް ވިދާޅުވިއެވެ.

އެއީ ދައުލަތުގެ ހުރިހާ ވަޒީފާތަކެއް ޕީޕީއެމްގެ މެންބަރުންނަށް ހާއްސަ ކުރުން ނޫން ކަމަށްވެސް ވިދާޅުވިއެވެ. މާލެ އާއި ބޮޑެތި ރަށްރަށުގައި އުފެދޭ ވަޒީފާތަކަށް ދެންވެސް ނަގާނީ އެކަމަށް އެންމެ ގާބިލު މީހުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑުވެސް ބޭނުންވޭ އަޅުގަނޑު ޕާޓީގެ މީހުންނަށް ގޮތްތަކެއް ހޯދައިދޭން. އަނެއްކާ މިހާރު އެ ގެއްލިގެން ދަނީ އަޅުގަނޑުމެންގެ ފިކުރަށް ތާއީދު ކުރާ އެތައް ބައެއްގެ ވަޒީފާ. އެހެންވީމަ އަޅުގަނޑު ބުނިން ފުރަތަމަ އަޅުގަނޑުމެންގެ ސަރުކާރެއް ލިބިއްޖެއްޔާ އެ މީހުން އިހުތިބި މަގާމަށް އިއާދަ ކޮށްދޭނަމޭ ނޫނީ އެއަށްވުރެ ރަނގަޅު މަގާމެއް ދޭނަމޭ. އެހެންވީމަ އެކަން ކަށަވަރު ކުރުމަށްޓަކާ ރަށްރަށުގައި އުފެދޭ ވަޒީފާތައް ހާއްސަ ކުރާނަމޭ ކޯލިޝަނުން ދައްކާ ކުދީންނަށް ނުދީ ޕީޕީއެމް ކުދީންނަށް ހާއްސަ ކުރާނަމޭ
އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ކުރީގެ ރައީސް

ރައީސް ޔާމީން ވިދާޅުވީ 2013 އިން 2018 އަށް ހިނގި އެމަނިކުފާނުގެ ސަރުކާރުގައި 95،000 ވަޒީފާ އުފެއްދިއިރު އެއިން އެއްވެސް ވަޒީފާތަކަށް މީހުން ނެގީ ވަކި ޕާޓީއަކަށް ބަލައިގެން ނޫން ކަަމަށެވެ.

ނަމަވެސް މިއަދުގެ ސަރުކާރުން އަމަލު ކުރަމުން ދަނީ އެކަމާ ދިމާ އިދިކޮޅަށް ކަމަށާ އެކަމާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން އަޅާ ފިޔަވަޅެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އެއީ ރަނގަޅު ކަމެއް ކަމަށް ދެކި މުއައްސަސާތައް "ހިމޭން" ވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެން ކަމުން އެމަނިކުފާނުގެ ފިކުރަށް ތާއީދު ކުރާ މީހުންގެ ވަޒީފާތައް ހިމާޔަތްކޮށް އެެފަދަ މީހުންނަށް ވަޒީފާގެ ފުުރުސަތު ތަނަވަސްކޮށްދެއްވަން މަސައްކަތް ނުކުރައްވަންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވިއެވެ.