ކ. ގުޅީގައި ގާއިމްކޮށްފައިވާ ކަރަންޓާއި ފެނާއި ނަރުދަމާގެ ނިޒާމާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ފަށައިފި އެވެ.
ގުޅި ސްކޫލުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ފަރާތުން ގުޅީގެ ޔުޓިލިޓީ ހިދުމަތްތަކާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ.
މި ރަސްމިއްޔާތުގައި މުޣުނީ ވިދާޅުވީ މިއީ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ހިދުމަތް ފޯރުކޮށް ދިނުމަށް ވެފައިވާ ވައުދުގެ ދަށުން މި ސަރުކާރުން ފެނާއި ނަރުދަމާގެ ހިދުމަތް އެންމެ ފުރަތަމަ ފަށައިގަނެވޭ ރަށް ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށް ދިނުމަށް ކުރެވުނު މަސައްކަތުގެ ދަށުން މިއަދު މި ހިދުމަތް ގުޅީ ރައްޔިތުންނަށް ލިބިގެން ދިއުމަކީ، ލިބިގެންދާ އުފާވެރި އަދި އެހާމެ މުހިއްމު އަސާސީ ދެ ހިދުމަތެއް ކަމުގައި ވިދާޅުވި އެވެ.
"މިސަރުކާރުގެ މުހިންމު އެއް ވައުދަކީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ފެނާއި ނަރުދަމާގެ ހިދުމަތް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ގާއިމުކުރެއްވުން. އެގޮތުން މިރަށުގައި އެ ދެ ހިދުމަތް ދިނުމުގެ މަސައްކަތް 2019 ވަނަ އަހަރު ފައްޓަވައިދެއްވާ، މި މަޝްރޫއުގެ ދަށުން މި ދެ ހިދުމަތް މިރަށުގެ އާބާދީއަށް ފޯރުކޮށް ދިނުމަށް މިއަދު އަޅުގަނޑުމެން މިވަނީ ފަށާފައި،" މުޣުނީ ވިދާޅުވި އެވެ.
ގުޅި އަކީ ފަތުރުވެރިކަމާއި، އޮޑި ދޯނިފަހަރު އެހެލާ މަރާމާތުކުރުމުގެ މަސައްކަތް ފުޅާކޮށް ކުރިއަށް ގެންދާ ރަށެއްކަން ފާހަގަކުރައްވާ މުޣުނީ ވިދާޅުވީ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތުގެ ސަބަބުން ރަށުގެ އިގްތިސާދަށް އެކަމުގެ މަންފާ ލިބިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ސްޓެލްކޯ އިން މި ހިދުމަތްތައް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ގުޅި ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ފާއިޒް ވިދާޅުވީ މީގެ ކުރިން އެރަށުގައި އެކަށީގެންވާ ނަރުދަމާ ނިޒާމެއް ނެތުމުގެ ސަބަބުން، ތަފާތު ހިތްދަތި އަދި ދަތި އުނގޫ ދުވަސްތައް ރައްޔިތުން ހޭދަކޮށްފައިވާ ކަމަށެވެ.
ގުޅީގައި މީގެ 24 އަހަރު ކުރިން އަޅާފައިވާ ވަގުތީ ނަރުދަމާ ނިޒާމުގެ ހިދުމަތަކީ މާޒީކަން ފާހަގަކުރައްވާ އިބްރާހީމް ވިދާޅުވީ މިއަދު އިފްތިތާހް ކުރެވުނު ފެނާއި ނަރުދަމާގެ ނިޒާމުގެ މަޝްރޫ އަކީ ގުޅީގެ ތާރިހުގައި ސީދާ ރަށުގެ ރައްޔިތުންނާ ގުޅޭ އެންމެ މަންފާ ލިބިގެންދާނެ އެއް މަޝްރޫއު ކަމަށެވެ.
"މިކަމުން އަންގައިދެނީ ސަރުކާރުން ހުރިހާ ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށް ދިނުމަށް ދެއްވަމުން ގެންދަވާ އަހައްމިއްޔަތު،" އޭނާ ވިދާޅުވި އެވެ.
ގުޅީގައި ސްޓެލްކޯ އިން ކަރަންޓާއި، ފެނާއި އަދި ނަރުދަމާގެ ހިދުމަތް ދެމުންދާއިރު، ފެނުގެ ހިދުމަތް ދިނުމަށްޓަކައި 40 ޓަނުގެ ދެ އާރްއޯ ޕްލާންޓާއި، ވާރޭފެން ޓްރީޓްމަންޓް ޕްލާންޓެއްގެ އިތުރުން ފެން ރައްކާ ކުރުމަށް 200 ޓަނުގެ ތިން ތާންގީ ވަނީ ބަހައްޓާފަ އެވެ.
ފެނާއި ނަރުދަމާގެ ހިދުމަތް ފަށައިގަނެވޭއިރު، ފެނަށް 181 ކަނެކްޝަން އަދި ނަރުދަމާގެ ހިދުމަތް ހޯދުމަށް 175 ފަރާތަކުން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.