ސްޓެލްކޯ

ގުޅީގައި އޮޑިދޯނި ފަހަރަށް ފެނުގެ ހިދުމަތް ދޭން ފަށައިފި

Jan 7, 2023

ކ. ގުޅީގައި ސްޓެލްކޯ އިން އޮޑިދޯނި ފަހަރަށް ފެނުގެ ހިދުމަތް ދޭން ފަށައިފި އެވެ.

ސްޓެލްކޯ އިން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ގުޅީގައި ދޭންފެށި މި ހިދުމަތާ އެކު، ޒަމާނީ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ހޮޓްލައިންއަށް ގުޅާ އޯޑަރުދިނުމަށްފަހު ޕޭމަންޓް ލިންކް ފޯނަށް ލިބި، ފަސޭހައިން ހިދުމަތަށް ފައިސާ ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވެ އެވެ.

މި ހިދުމަތް ގުޅީގައި އިފްތިތާހު ކުރެވިގެން ދިއުމާއެކު، ސްޓެލްކޯގެ މެނޭޖްމަންޓުން ވަނީ ގުޅީގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ދޯންޏަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމާފަ އެވެ.

ސްޓެލްކޯ އިން އޮޑި ދޯނިފަހަރަށް ފެން ވިއްކަމުން ގެންދާނީ ތިން ބޭންޑަކަށް ބަހާލައިގެންނެވެ. އެގޮތުން ބޭންޑް އޭ އަށް 10 ރުފިޔާ، ބޭންޑް ބީ އަށް 12.50 ރުފިޔާ އަދި ބޭންޑް ސީ އަށް 13.50 ރުފިޔާ މަގުން ޗާޖް ކުރަން ވަނީ ނިންމާފަ އެވެ.

އޮޑި ދޯނިފަހަރަށް ފެން ވިއްކުމުގެ ހިދުމަތް މިވަގުތު ސްޓެލްކޯ އިން ދެމުން ގެންދަނީ ގުޅީގެ އިތުރުން އދ. މަހިބަދޫ އާއި ކ. ގާފަރުގަ އެވެ.

މީގެ އިތުރުން ސްޓެލްކޯ އިން ފެނުގެ ހިދުމަތްދޭ އެހެން ރަށްތަކުގައިވެސް މި ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.

ގުޅީގެ ފެނުގެ ހޮޓްލައިން ނަމްބަރަކީ 7281221 އެވެ. ގުޅީގައި ރަޖިސްޓްރީކޮށްފައިވާ ދޯނިތަކުގެ އިތުރުން މި ހިދުމަތް ބޭނުންވާ އެހެން އޮޑިދޯނި ފަހަރަށްވެސް ހިދުމަތް އެ ރަށުން ފޯރުކޮށްދޭނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.