ހަބަރު

40 އަންހެނުންނާއި 16 ކުޑަކުދިން ތިބި ބޯޓެއް ފަރަށް އަރައިފި

ރ. އަލިފުށީގައި ދަތުރުކުރާ ބޯޓެއް ކ. ޒިޔާރަތްފުށި ކައިރި ފަރަށް އެރައިފިއެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

ފުލުހުން ބުނީ މި ބޯޓު ފަރަށް އަރާފައިވަނީ ރޭ 3:45 ހާއިރު ކަމަށާއި ބޯޓު ފަރަށް އަރާފައިވާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މެރިން ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން އެސަރަޙައްދަށް ގޮސް އެ ބޯޓުން ދަތުރުކުރި މީހުން މާލެ ގެނައުމުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެގޮތުން ކުރި މަސައްކަތުން މެރިން ޕޮލިސްގެ ދެ އުޅަނދެއްގައި އެބޯޓުން ދަތުރުކުރި 72 މީހަކު ސަލާމަތްތެރިކަމާއެކު މާލެ ގެނެސްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ބޯޓުގައި ދަތުރުކުރި މީހުންގެ ތެރޭގައި 16 ކުޑަކުއްޖަކާއި 40 އަންހެނުންނާއި 16 ފިރިހެނުން ހިމެނެއެވެ.

މި ބޯޓު ފަރަށް އެރުމާއި ގުޅިގެން މީހުންގެ ސަލާމަތްކުރުމުގައާއި ބޯޓަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުންނާއި ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.