ރަޝިއާގެ އަސްކަރީ ފައުޖުތައް ޔުކްރޭނަށް އަރައިގެންފި ނަމަ އެކަން ވެގެންދާނީ ދުވަހަކު ވެސް ރަޝިއާ ހީކޮށްފައި ނުވާ ވަރުގެ ވޭންގަދަ ތަޖުރިބާއަކަށް ކަމަށް އެމެރިކާ އާއި ބައިވެެރިން އޮތީ ބުނެފަ އެވެ.
އެމެރިކާ އާއި ބައިވެެރިން އިންޒާރުދޭ ވަރުގެ ދަތިކުރުންތަކެއް ރަޝިއާއަށް އަޅައިފި ނަމަ އަމަލުކުރައްވާނެ ގޮތަކާ ބެހޭ ގޮތުން އދ. ގައި ހުންނަވާ ރަޝިއާ ސަފީރު، ވަސިލީ ނިބިންޒިއާ އަށް ދެންނެވުމުން ވިދާޅުވީ އެމީހުން އެ ފޭހެނެނީ އިލޮށްޓެއްގެ ދެކޮޅު ކަމަށާއި ގާތީ ދެކޮޅުވެސް އެމީހުންގެ ލޮލަށް ހެރުން ކަމަށެވެ.
ސަފީރު ވިދާޅުވި ގޮތުން ދަތިކުރުންތަކާއެކު ރަޝިއާއަށް އުޅެން އެނގޭނެ އެވެ. އޭނާ ވިދާޅުވީ އެމީހުން އެބުނާ ޒާތްޒާތުގެ ދަތިކުރުންތައް ރަޝިއާ ތަޖުރިބާކޮށްފި ކަމަށާއި ރަޝިއާއަށް ދަތިކުރަން އެމެރިކާ އާއި ބައިވެރިން އެޅި ފިޔަވަޅުތައް އަދަދުކުރަން ވެސް ނޭނގޭ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުން އެމެރިކާ އާއި ނޭޓޯ ތަޅަނީ ހުސް އަނގަތެކެކެވެ. އެމީހުން ހިތުހުރި ގޮތެއް ރަޝިއާ އަށް ހަދައިގެން ކެތްކުރެވޭނަމަ އެކަމެއް މިހާރު އޮންނާނީ ކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަފީރު ވިދާޅުވީ އެމެރިކާ އާއި ނޭޓޯ އަދި ބައިވެރިން މިހާރު ވިސްނަމުން ގެންދަނީ ރަޝިއާއަށް ދަތިނުކޮށް ދެން ކުރެވެން ހުރި ކަންތައްތަކާ މެދު ކަމަށެވެ.
ރަޝިއާއިން 2014 ގައި ކްރައިމިއާ ޖަހައިގަތް ފަހުން އެ ސަރަހައްދުން ނޭޓޯ ސިފައިން ނުފައިބަ އެވެ. ނޭޓޯ ފައުޖުތައް ކޮންމެވެސް މާނައެއްގައި ކަޅުކަނޑުގައި ހަރަކާތްތެރިވެ އެވެ.
އެމެރިކާ އާއި ނޭޓޯ ބުނާ ގޮތުން ޔުކްރޭން ދިފާއުކުރުމަކީ އެމީހުންނަށް އޮތް ވާޖިބެކެވެ. އަދި ނޭޓޯގެ މިނިވަންކަން ގެއްލިގެންދާ ތަން ބަލަން އެމީހުން ނުތިބޭނެ އެވެ.
ރަޝިއާ ސިފައިން ޔުކްރޭން ބޯޑަށް ޖަމާކުރާ މައްްސަލާގައި އެމެރިކާ އާއި ނޭޓޯ އަދި އިނގިރޭސިވިލާތުން ގެންދަނީ ރަޝިއާއަށް ބިރުދައްކައި އިންޒާރުދެމުންނެވެ. ރަޝިއާގެ އަމަލުތަކުގެ ސަބަބުން ރަޝިއާ އާށް ދިލަގަދަ ދުވަސްތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް އެމީހުން ބުނެ އެވެ.
އެމެރިކާއަށް ރައްދުދެމުން ރަޝިއާ ބުނީ ނޭޓޯ ސިފައިން ރަޝިއާއާ ދުރަށް ޖެއްސުން ނޫން ގޮތެއް ރަޝިއާ ގަބޫލުނުކުރާނެ ކަމަށާއި، ޔުކްރޭނާއި ޖޯޖިއާ އަށް ނޭޓޯ މެމްބަރުކަން ދީގެން ނުވާނެ ކަމަށެވެ.
އެނޫން ގޮތެއްގައި ރަޝިއާގެ އަސްކަރިއްޔާގެ ހަރަކާތްތަކަށް ބަދަލު ނުގެންނާނެ ކަމަށް ވެސް ރަޝިއާ އޮތީ ބުނެފަ އެވެ.