ބޮލީވުޑް

އަކްޝޭގެ "ގުޑް ނިއުޒް"ގައި ޓްވިންކަލް އާ ދެ މީހުންގެ އަރާރުން!

އަކްޝޭ ކުމާރުގެ އަންހެނުން ޓްވިންކަލް ކަންނާ (ޓީނާ) ހާމަކޮށްފައިވާ ގޮތުގައި ކަރީނާ ކަޕޫރާ އެކު އަކްޝޭ ތަންކޮޅެއް ކުރިން ކުޅުނު "ގުޑް ނިއުޒް"ގައި ކަރީނާ ކުޅުނު ކެރެކްޓާ ބިނާކޮށްފައި އޮތީ ހަގީގަތުގައި ޓްވިންކަލް އަށެވެ. އޭނާގެ ކެރެކްޓާ އަށެވެ.

ޓްވިންކަލް އިތުރަށް ހާމަކުރި ގޮތުގައި އެ ފިލްމުގައި ކަރީނާގެ ޑައިލޮގްތަކުގެ ތެރެއިން ގިނަ ޑައިލޮގްތަކަކީ ހަގީގަތުގައި ޓްވިންކަލް އާއްމު ގޮތެއްގައި އަކްޝޭ ދެކެ ހިތްހަމަނުޖެހިގެން އަރާރުން ވާއިރު ކިޔާ އެއްޗިއްސެވެ.

ޓްވިންކަލް މި ވާހަކަ ކަރީނާ ކައިރީ ބުނީ އޭނާގެ ޗެޓް ޝޯގެ އެންމެ ފަހުން ދެއްކި އެޕިސޯޑުގައި ކަރީނާ ބައިވެރިވެ އޭނާއާ ކުރި އިންޓަވިއު ގައެވެ.

"ޓުވީކް އިންޑިއާ" ނަމަކަށް ކިޔާ މި ޝޯގައި ޓްވިންކަލް މި ވާހަކަތައް ކިޔައިދިނުމުގެ ކުރިން ވެސް ކަރީނާ އަށް އެކަން އޮތީ އެނގިފަ އެވެ. އަދި ކަރީނާ ކުޅުނު ކެރެކްޓާ ބިނާކޮށްފައިވަނީ ޓްވިންކަލް އަށް ކަން އެނގުމުން ޝޮކެއް ލިބުނު ކަމަށް ކަރީނާ ބުންޏެވެ.

ކަރީނާ ކައިރި ޓްވިންކަލް ބުނީ "ގުޑް ނިއުޒް"ގައި އޭނާ ކުޅުނު ދީޕްތީ ބަޓްރާގެ ކެރެކްޓާ އަކީ ހަގީގަތުގައި ޓްވިންކަލް ކަމަށެވެ.

"އަހަރެން 'ގުޑް ނިއުޒް' ބަލާފައި ހައިރާންވި ކަލޭ އަހަރެންގެ ކެރެކްޓާ ކުޅެފައިވާލެއް މޮޅުކަމުން،" މި ޝޯގައި ޓްވިންކަލް ބުނެފައި އެވެ.

"ފިލްމުގައި އާދަކޮށް ކިޔާ އެއް ޑައިލޮގެއް ދިގުކަމުން ދަސްކުރަން އުނދަގޫވެގެން އަހަރެން އެ ޑައިލޮގް ގޭގައި ތިން ހަފުތާ ވަންދެން ކިޔައި ހިތު ދަސްކޮށްގެން ޝޫޓިންގަށް ދިޔައިމަ އަކްޝޭ އަނެއްކާ އެ ޑައިލޮގަށް ލައިނެއް އިތުރުކުރި. އަހަރެން ބުނިން އެހާ ވަރުން ދަސްކޮށްގެން އައިމަ އަނެއްކާ ކީއްކުރަންހޭ ތި އިތުރުކުރަނީ. ބުނީމަ އޭނަ ބުނި މިއީ ވެސް ޓީނާ ވަރަށް ގިނައިން ކިޔާ އެއްޗެކޭ. މި ބައި ހިމަނާލީމައޭ ފުރިހަމަ ވާނީ. އެހިސާބުން އަހަންނަށް އެނގުނީ،" ކަރީނާ ބުންޏެވެ.

ޓްވިންކަލް ބުނި ގޮތުގައި އޭނާ ރުޅިއައިމަ އަކްޝޭއާ ދިމާލަށް ކިޔާ އެއްޗެތި ކޮޕީކޮށްގެން އަކްޝޭ ވަނީ އެ ފިލްމުގައި ބޭނުންކޮށްފަ އެވެ. އަދި ކަރީނާ ފިލްމުގައި ދެއްކި ގިނަ ވާހަކަތަކަކީ އޭނާ އަސްލު ކިޔާފައި ހުރި އެއްޗިއްސެވެ.

"ނުވި ތަނަކަށް ފިލްމުގައި ދައްކާ ވެޑިން ފޮޓޯ އަކީ ވެސް އަހަރެމެންގެ ކައިވެނީގެ ފޮޓޯ. އަހަރެންގެ ބޯ ކަފާލަފައި ކަރީނާގެ ބޮލެއް ތަތްކޮށްފައި އިނީ،" ޓްވިންކަލް ބުންޏެވެ.

"ގުޑް ނިއުޒް" ރިލީޒްކޮށްފައިވަނީ 2019 ގައެވެ. ފިލްމުގައި އަކްޝޭ އާއި ކަރީނާ ކުޅެނީ ދެމަފިރިންގެ ރޯލެވެ. ދަރިއަކު ނުލިބިގެން އެމީހުން އައިވީއެފް ހަދަ އެވެ. ނަމަވެސް އެމީހުންގެ ސާމްޕަލް އާއި އެހެން ދެމަފިރިއެއް (ދިލްޖީތު ދޮސާންޖް އާއި ކިއާރާ އަދުވާނީ)ގެ ސާމްޕަލް އޮޅިގެން ދިމާވާ މައްސަލަތަކެއް ފިލްމުގައި ދައްކަ އެވެ.