ލައިފްސްޓައިލް

"ގުޑް ނިއުޒް"ގެ އެޑްވާންސް ބުކިން ރަނގަޅުވެ ކާމިޔާބުގެ އުންމީދު ބޮޑު

ސަލްމާން ޚާންގެ "ދަބަންގް 3" މިދިޔަ ހުކުރު ދުވަހު ރިލީޒްވެފައިވާއިރު އަންނަ ހުކުރު ދުވަހު އަކްޝޭ ކުމާރާއި ކަރީނާ ކަޕޫރުގެ "ގުޑް ނިއުޒް" ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ. ފިލްމުގެ ޓްރެއިލާ ވަރަށް ޝައުގުވެރިވެފައި މަޖާ ކަމުން ފިލްމު ބަލާ މީހުންގެ ވަރަށް ބޮޑު ސަމާލުކަމެއް މި ފިލްމަށް މިހާރުވެސް ވަނީ ލިބިފަ އެވެ.

ފިލްމުގެ މިއުޒިކް ވެސް ހިޓް ވެފައިވާއިރު މިހާރު އެޑްވާންސް ބުކިންގްސް ވެސް ވަނީ ފެށިފަ އެވެ. ފިލްމު ރިލީޒްކުރަން ހަފުތާއެއް އޮއްވާ އެޑްވާންސް ބުކިންގްސް ފެށި ނަމަވެސް ގިނަ ބަޔަކު މި ފިލްމުގެ ޓިކެޓްތައް މިހާރުއްސުރެ ދަނީ ބުކް ކުރަމުންނެވެ. މިހާރު އެޑްވާންސް ބުކިންގްސް ފަށާފައިވަނީ މަދު ސިނަމާތަކެއްގައި ނަމަވެސް ހޯމަ ދުވަހު ހުރިހާ ސިނަމާތަކެއްގައި ޓިކެޓް ބުކް ކޮށްދޭން ފެށުމާއެކު ފިލްމަށް ލިބޭ ތަރުހީބު މިހާރަށް ވުރެ އެތައް ގުނައެއް އިތުރުވެގެންދާނެކަމަށް ޓްރޭޑް އެނަލިސްޓުން ދަނީ ބުނަމުންނެވެ.

ކަރީނާ އާއި އަކްޝޭގެ އިތުރުން ކިއާރާ އަދުވާނީ އާއި ދިލްޖީތު ދޮސާންޖް ވެސް މުހިއްމު ބައިތަކެއް އަދާކުރާ މި ފިލްމަކީ ދަރިއަކު ނުލިބިގެން އައިވީއެފްގެ ޒަރިއްޔާއިން ދަރިން ހޯދަން މަސައްކަތްކުރާ ދެ ދެމަފިރިއަކަށް ކުރިމަތިވާ ވަރަށް ހެއްވާ މަޖާ ކަންތައްތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.

"ގުޑް ނިއުޒް"ގެ ޑައިރެކްޓަރަކީ ރާޖް މެހެތާ އެވެ.