ބޮލީވުޑް

ނުބައި މީހަކާ ރައްޓެހި ވެވި ޖެކްލީން ހިތް ހަލާކުވެފައި!

ޖެކްލީން ފެނާންޑިސް އާއި އަކްޝޭ ކުމާރުގެ އެކްޝަން-އެޑްވެންޗާ ޑްރާމާ "ރާމް-ސެތޫ"ގެ ޝޫޓިން ނިމި އަންނަ އޮކްޓޯބަރު ނިމޭ ހިސާބުގައި ފިލްމު ރިލީޒްކުރާކަން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.

މިކަން އިއުލާންކުރީ ޖެކްލީން އާއި އަކްޝޭ އެމީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ރިލީޒްކުރި ވީޑިއޯ މެސެޖަކުންނެވެ.

ފިލްމުގެ ސެޓުގައި ނަގާފައިވާ މި ވީޑިއޯގައި އަކްޝޭ އާއި ޖެކްލީން ވަނީ ފިލްމު ނިމުނުކަން އިއުލާންކޮށްފަ އެވެ. އަދި ޖެކްލީން ވަރަށް ބޮޑަށް ޖަޒުބާތުގައި ޖެހި ރޮވިފައި ހުއްޓާ މި ވީޑިއޯގައި ފެނެ އެވެ.

ޖެކްލީން އަށް ރޮވުނީ "ރާމް-ސެތޫ"ގެ ޝޫޓިންގްގެ ދުވަސްވަރު ޖެކްލީން އަށް ކުރަން ޖެހުނު ހިތްދަތި ތަޖުރިބާތަކުގެ ހަނދާންތައް އާވެގެން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައި ވެއެވެ.

ފާއިތުވީ އަހަރެއްހާ ދުވަހު ޖެކްލީންއަށް ހިތާމަކުރަން ޖެހޭ ކަހަލަ ގިނަ ކަންތައްތަކެއް މެދުވެރިވެފައި ވެއެވެ. އޭނާއަށް ލޯބީގެ ގޮތުން ގުޅެވުނު މީހެއްގެ ސަބަބުންނެވެ.

ފައިސާގެ ބޮޑު ޚިޔާނާތެއްގެ މައްސަލައެއްގެ ތުހުމަތުގައި އިންޑިއާ ފުލުހުން ހައްޔަރުކޮށްފައިވާ ސުކޭޝް ޗަންދުރަޝޭކަރް އާއި ޖެކްލީންގެ ލޯބީގެ ގުޅުންތައް ސޯޝަލް މިޑިއާގައި ފަޅާ އަރުވާލާފައިވަނީ ޚުދް ސުކޭޝް އެވެ.

ޖެކްލީންއާ އެކު އޭނާ ނަގާފައިވާ ގައިގޯޅި މަންޒަރުތައް ހިމެނޭ ފޮޓޯތަކާއި ވީޑިއޯތައް ސުކޭޝް ވަނީ ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ.

ޖެކްލީން އަށް މިކަންތައްގަނޑެއް ދިމާވެފައި ވަނިކޮށް އެކަމާ ހިތްދަތިވެ އޭނާގެ މަންމަ ވަރަށް ހާލުބޮޑުވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުމުން އިތުރަށް ޖެކްލީން އަށް މައްސަލަތައް ކުރިމަތިވި އެވެ.

އިންޑިއާގެ ބައެއް ނޫސްތަކަށް ސުކޭޝް ދީފައިވާ އިންޓަވިއުތަކުގައި ބުނެފައިވާ ގޮތުގައި އަގުބޮޑު ކާރުތަކާއި އެތައް ކްރޯޑެއްގެ ފައިސާ އޭނާ ޖެކްލީން އާއި އާއިލާ އަށް ދީފައި ވެއެވެ.

ސުކޭޝްގެ އިންޓަވިއުތަކާއި އޭނާ ޝެއާ ކުރި ފޮޓޯތައް އިންޑިއާގެ ނޫސްތަކުގައި ޖަހަން ފެށުމުން ޖެކްލީން ވަނީ ކަންވެގެން އުޅޭގޮތް ރަނގަޅަށް ނޭނގި ތިބެ އެ ފޮޓޯތައް ޝެއާ ނުކުރަން އިލްތިމާސް ކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން ވެސް ގިނަ އަދަދެއްގެ ފޮޓޯތަކާއި ވީޑިއޯތައް ލީކުވެފައި ވެއެވެ.

ސުކޭޝްގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުތަކެއް ކޮށްފައިވާތީ އޭނާ ޖެކްލީން އަށް ދީފައިވާ ތަކެއްޗާ ބެހޭ ގޮތުންނާއި އޭނާ އާއި ޖެކްލީންއާ އޮންނަ ގުޅުމާ ބެހޭ ގޮތުން ސުވާލުކުރަން ކަމާ ބެހޭ އިދާރާތަކަށް ވެސް ޖެކްލީން ހާޒިރުކޮށްފައި ވެއެވެ.