ޝިދާތާ ޝަރީފު

ސަރުކާރަށް ދެން އެންމެ ގޮޑިއެއްވެސް ދޭން ޖެހޭ ސަބަބެއް ނެތް: ޝިދާތާ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮޑި އަލުން މި ސަރުކާރަށް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނައިބު ރައީސް އަދި މި ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

އެމްއެންޕީގެ ކެންޑިޑޭޓަށް ތާއީދު ހޯދުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ދިނުމުން ރައްޔިތުންނަށް ވީ ފައިދާއެއް ނެތް ކަމަށެވެ. ރައްޔިތުން ދިން ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން އެމްޑީޕީން ކުރިހާވެސް ކަމަކީ މަޖިލީހުގައި "ބަތްކައްކާ ކުޅުން" ކަމަށް ވިދާޅުވިއެވެ.

އަދި 65 ގޮޑި ލިބިގެން ނަތީޖާއެއް ނުނެރެވުނު ބަޔަކަށް ދެން އެންމެ ގޮނޑިއެއް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ ކޮމަންޑޫ ގޮޑި ހޯދަން ސަރުކާރުން ބާރާއި ނުފޫޒު ބޭނުން ކުރަމުން ގެންދާ ކަމަށާ ދާއިރާގެ ރައްޔިތުންނަށް ވަޒީފާގެ ބިރު ދެއްކުން އޮތީ މެކުހަށް ޖަަހާފައި ކަަމަށެވެ. ނަމަވެސް ވަޒީފާގެ ބިރަށް ފަހަތަށް ޖެހޭނެ ރައްޔިތަކު މިއަދު ނެތް ކަަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އުސޫލުގެ ބޭރުން ވަޒީފާއިން ވަކިކުރާ ކޮންމެ މީހެއްގެ ދިފާއުގައި އެމްއެންޕީން ތެދުވާނެ ކަމަށެވެ.

"ވަޒީފާއަށް ތި ދައްކާ ބިރު މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ. ވަޒީފާއަށް ދައްކާ ބިރުން ފަހަތަށް ޖެހޭނެ ހަމަ އެކަކުވެސް މިތާގަައެއް ނެތް. ވަޒީފާއަކަށް ބިރުން އަދި ދެންވެސް ސަރުކާރު ކޮށްފާނެ ކަމަކަށް ބިރުން މި ވޯޓްގައި އެހެން ފަރާތަކަށް ވޯޓްދޭން ރައްޔިތުންނެއް ނުދާނެ،" ޝިދާތާ ވިދާޅުވި އެވެ.