ރާއްޖެ ކުޅިވަރު

ރަނޭޝް ދުނިޔޭގެ ވޮލީގެ ރައީސާ ބައްދަލުކުރައްވައިފި

Feb 2, 2022

ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުހައްމަދު ރަނޭޝް، ދުނިޔޭގެ ވޮލީބޯޅައިގެ މައި އޮފީސް -- އެފްއައިވީބީ އަށް ޒިޔާތް ކުރައްވާ އެތަނުގެ ރައީސް އެފްއައިވީބީގެ ރައީސް އަރީ ގްރާސާއާ ބައްދަލު ކުރައްވައިފި އެވެ.

ސްވިޒަލެންޑްގައި ގާއިމުކޮށްފައިވާ އެފްއައިވީބީގެ މައި އޮފީހަށް ޒިޔާރަތް ކުރައްވާ ރަނޭޝް ވަނީ އެފްއައިވީބީގެ އެހީތެރިކަމާއެކު ރާއްޖޭގައި މިހާރު ކުރިއަށްދާ ވޮލީގެ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އެގޮތުން ބްރެޒިލަށް ނިސްބަތްވާ އެފްއައިވީބީގެ ރައީސް އަރީގެ އެހީތެރިކަމުގައި ރާއްޖޭގެ ގައުމީ ބީޗު ވޮލީ ޓީމަށް ހަަމަޖައްސައިދީފައިވާ ބްރެޒިލްގެ ކޯޗު ވިނީޝިއުސް މާޓިންގެ ބެލުމުގެ ދަށުން ޓީމުގެ ފަރިތަކުރުންތައް ކުރިއަށްދާ ގޮތް ހިއްސާކުރެއްވި އެވެ.

މީގެއިތުރުން ބީޗް ވޮލީބޯލް ޓުއާގެ ތިން ބައިގެ ތެރޭގައި ހިމެނޭ ޗެލެންޖާސްގެ ބައި ރާއްޖޭގައި ހޯސްޓް ކުރަން އެފްއައިވީބީން ފުރުސަތު ދީފައިވާތީ ރާއްޖެ އިން އެކަމަށް ތައްޔާރުވުމަށް ކުރަމުންދާ މަސަައްކަތްތަކުގެ މައުލޫމާތު ވެސް ހިއްްސާކުރެއްވި އެވެ. ޗެލެންޖާސްގެ ބައި ކުރިއަށްދާއިރު ވައިލްޑްކާޑް އެންޓްރީއެއްގައި ރާއްޖޭގެ ކުޅުންތެރިންނަށް ފުރުސަތު ލިބޭނެ އެވެ.

ރަނޭޝްގެ މިދަތުރުގައި ވަނީ އެފްއައިވީބީގެ ޓެކްނިކަލް އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމެންޓްގައި މަސައްކަތް ކުރައްވާ ބޭފުޅުންނާ ބައްދަލުކުރައްވާ ރާއްޖެ އަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށްވެސް މަޝްވަރާ ކުރައްވާފަ އެވެ.

އެފްއައިވީބީގެ ރައީސް ގްރާސާ މިދިޔަ އަހަރު ވަނީ ރާއްޖެ އަށް ޒިޔާރަތް ކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރާއްޖޭގެ ވޮލީގެ ރައީސް ރަނޭޝްއާ ބައްދަލުކުރެއްވި އެވެ. ގްރާސާގެ މިދަތުރުފުޅުގައި ރާއްޖެ އަށް ތަފާތު ފުރުސަތުތައް ހޯދައިދެއްވާ ބައެއް ކަންކަން މިހާރު ވަނީ ފަށާފަ އެވެ.