ކޮވިޑް 19 ހަލުވި ކަމާ އެކު ފެތުރެން ފެށުމުން އައިޖީއެމްއެޗްގެ ބައެއް ހިދުމަތްތައް ޑައުންގްރޭޑް ކުރުމަށްފަހު ކުރިއެކޭ އެއްގޮތަށް އަންނަ ހަފްތާ އިން ފެށިގެނ ހިދުމަތް ދިނުމަށް ނިންމައިފި އެވެ.
ހަލުވި ކަމާ އެކު ކޮވިޑް ފެތުރެން ފެށުމާ ގުޅިގެން އައިޖީއެމްއެޗްގެ ބައެއް ހިދުމަތްތައް ޑައުންގްރޭޑް ކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ.
އެގޮތުން ދުރާލާ ތާވަލުކޮށްގެން ހަދަމުން ދިޔަ ބައެއް ސާޖަރީތައް ހެދުން މެދުކަނޑާލައި އައިޖީއެމްއެޗްގެ ލެބޯޓަރީގެ ހިދުމަތްދޭ ވަގުތު ވެސް ކުރުކުރި އެވެ.
އައިޖީއެމްއެޗުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ދުރާލާ ތާވަލުކޮށްގެން ހަދަން ނިންމާ ސާޖަރީތަކުގެ ތެރެއިން ބައެއް ސާޖަރީތައް ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ.
އައިޖީއެމްއެޗުގެ ލެބޯޓަރީގެ ހިދުމަތް ވެސް މި ދުވަސްވަރު ލިބެނީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރު 12:00 އަށެވެ. މިގޮތަށް ހިދުމަތް ދިނުމަށްޓަކައި މިދުވަސްވަރު ލެބޯޓަރީގެ ހިދުމަތަށް ދޫކުރަން ނިންމާފައިވަނީ ވެސް ޖުމްލަ 200 ނަންބަރެވެ. އެއީ ހޮސްޕިޓަލްގެ ކައުންޓަރުން ދޫކުރާ 100 ނަންބަރާއި އޮންލައިންކޮށް ދޫކުރާ 100 ނަންބަރެވެ.
އެކަމަކު ފެބްރުއަރީ ހަވަނަ ދުވަހުން ފެށިގެން ލެބޯޓަރީގެ ހިދުމަތް ވެސް ކުރިއެކޭ އެއްގޮތަށް ދިނުމަށް ނިންމާފައިވެ އެވެ. އެގޮތުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ހިދުމަތް ދޭން ނިންމާފައިވެ އެވެ. ލެބޯޓަރީގެ ހިދުމަތަށް ހޮސްޕިޓަލްގެ ކައުންޓަރުން 100 ނަންބަރާއި އޮންލައިންކޮށް 100 ނަންބަރު ވެސް ފެބްރުއަރީ ހަވަނަ ދުވަހުން ފެށިގެން ދޫކުރާނެ ކަމަށްވެސް އައިޖީއެމްއެޗުން ބުނެ އެވެ.
އައިޖީއެމްއެޗުން އިތުރަށް ބުނީ އިމަޖެންސީ ހިދުމަތްތައް 24 ގަޑިއިރު މެދުކެނޑުމެއްނެތި ލިބޭނެ ކަމަށެވެ. އައިޖީއެމްއެޗަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދާ ހޮސްޕިޓަލެވެ.
އައިޖީއެމްއެޗަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދާ ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލެވެ.