ރަޖަން ޝާހީގެ ޑްރާމާ "އަނޫޕަމާ" އަކީ މިހާރު އިންޑިޔާގެ ޓީވީ ޗެނަލްތަކުން ދައްކާ ސިލްސިލާތަކުގެ ތެރެއިން އެންމެ ގިނަ ބަޔެއްގެ މަގްބޫލުކަން ހޯދާފައިވާ ސީރީޒް އެވެ. ޓެލެވިޒަން ރޭޓިން ޕޮއިންޓްސް (ޓީއާރުޕީ) ގެ އެންމެ ކުރީގައި މި ޝޯ އޮންނަތާ އެތައް މަހެއް ވެއްޖެ އެވެ.
ސްޓާ ޕްލަސްގެ މި ޑްރާމާއަށް ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓިފައި ވަނީ ހަމައެކަނި އެ ޑްރާމާގެ ވާހަކަ ރީތި ވެގެނެއް ނޫނެވެ. ޑްރާމާގައި ބައިވެރިވާ އެކްޓަރުންގެ ހުނަރާއި ކުޅަދާނަކަމުން އެ ކެރެކްޓާތައް ހަގީގަތާ އެއްގޮތް ކަމުންނެވެ. ޚާއްސަކޮށް އަނޫޕަމާގެ ރޯލު ކުޅޭ ރުޕާލީ ގަންގޫލީގެ މޮޅު ޕާފޯމަންސްގެ ސަބަބުން ގިނަ ބަޔަކު މި ސިލްސިލާއަށް ޝައުގުވެރި ކުރުވާފައި ވެއެވެ.
މި ޝޯގެ ކާމިޔާބާއެކު އިންޑިއާގެ ޓިވީ ޗެނަލްތަކުގައި މަސައްކަތްކުރާ ހުރިހާ ބަތަލާއިންގެ ތެރެއިން އެންމެ ބޮޑު ފީއެއް ލިބޭ ބަތަލާއަކަށް ވެސް ރުޕާލީ ވަނީ ވެފަ އެވެ.
ބޮލިވުޑްލައިފްގައިވާ ޚަބަރެއް ބުނާ ގޮތުގައި އިންޑިއަން ޓެލެވިޒަން އިންޑަސްޓްރީގައި މިވަގުތު މަސައްކަތްކުރާ އެންމެ ބޮޑު މުސާރައަށް ލިބޭ ބަތަލާއަކީ ރުޕާލީ އެވެ.
"އަނޫޕަމާ" ގެ ކޮންމެ އެޕިސޯޑަކަށް ރުޕާލީއަށް ތިން ލައްކަ ރުޕީސް ލިބެ އެވެ. މި ޝޯ ފެށިއިރު ރުޕާލީ އަށް އެޕިސޯޑަކަށް ލިބެނީ 1.5 ލައްކަ ރުޕީސް އެވެ. ރުޕާލީ އަކީ ވަރަށް ސީނިއާ އެކްޓަރަކަށް ވާތީ އޭރު ވެސް އޭނާއަށް ލިބުނީ ނިސްބަތުން ވަރަށް ރަނގަޅު ފީއެކެވެ. ނަމަވެސް "އަނޫޕަމާ" ގެ މަޝްހޫރުކަން އިތުރުވަމުން ދިޔަ ވަރަކަށް ރުޕާލީގެ ފީ ވެސް ދިޔައީ ބޮޑުވަމުންނެވެ.
ރާމް ކަޕޫރާއި ރޯނިތު ރޯއީ ފަދަ ޓީވީގައި މަޝްހޫރު އެކްޓަރުންނަށް މިހާރު ލިބޭ ފީއަށް ވުރެ ވެސް ރުޕާލީ އަށް މިހާރު ލިބޭ ވަރު އިތުރެވެ. "އަނޫޕަމާ" ގައި ލީޑް ރޯލު އަދާކުރާ ފިރިހެން އެކްޓަރުން ކަމަށްވާ ސުދަންޝޫ ޕާންޑޭ އާއި ގޯރަވް ކަންނާ އަށް ވެސް އެޕިސޯޑަކަށް ލިބެނީ 1.5 ލައްކަ ރުޕީސް އެވެ.
ޓީވީގެ ދުނިޔޭގައި ރުޕާލީ ފިޔަޖަހަން ފެށީ 2004ގައި ދެއްކި ކޮމެޑީ ޝޯ "ސާރާބާއީ ވާސަސް ސާރާބާއީ"ގައި އޭނާ ކުޅުނު މޮނީޝާގެ ރޯލުންނެވެ. އެ ދުވަސްވަރު މި ޝޯ ވަރަށް ބޮޑަށް މަޝްހޫރުވެފައި ވެއެވެ. ނަމަވެސް "އަނޫޕަމާ"އިން ލިބުނު ވަރުގެ މަޝްހޫރުކަމަކާއި މަގްބޫލުކަމެއް މީގެ ކުރިން ރުޕާލީ އަށް ލިބިފައެއް ނުވެ އެވެ.
"އަނޫޕަމާ"ގައި ރުޕާލީ ކުޅެނީ ގެވެހި އަންބެއްގެ ރޯލެވެ. އޭނާގެ ފިރިމީހާ އޮފީހުގައި އުޅެ އަންހެނެއް ކަމަށްވާ ކާވްޔާ އާ ލޯބީގެ ގޮތުން ގުޅި އޭނާއަށް ބޭވަފާތެރިވެ އެވެ. ޝޯގައި ދެން ދައްކަނީ މިކަމުގެ ސަބަބުން އަނޫޕަމާ ވާ ދެރަ އާއި ފަހުން އޭނާގެ ހަޔާތަށް އަންނަ ބޮޑު އިންގިލާބެވެ.