ޖަނަވާރުންނާއި ދޫނިސޫފާސޫފި އިންސާނުންގެ ކިބައިން ބަދަލުހިފަން ކުރާ އެކި ކަންތައްތަކުގެ ވާހަކަތައް ދޭތެރެ ދޭތެރެއިން އަޑު އިވެ އެވެ. އިންޑިއާގެ ކަރްނާޓަކާގެ ޗިތުރާދުރްގާ ޑިސްޓްރިކްޓްގައި އޮންނަ އޮބާލަޕޫރާ އަވަށުގެ މީހުންނަށް ވެސް މިހާރު އުޅެނީ މިފަދަ ކަމެއް ދިމާވެގެންނެވެ. ފާއިތުވީ ހަ މަސް ދުވަހުއްސުރެ އެ އަވަށުގެ މީހުންނަށް ދިރިއުޅުމަށް ދަތިވެފައި ވަނީ ކާޅެއްގެ ދުއްތުރާލާ ހެދި އެވެ.
މިއީ ހަމަ އެކަނި އެ އަވަށުގެ މީހުންނަށް ދުއްތުރާ ކުރާ ކާޅެއް ނޫނެވެ. ބޭރުން އެ އަވަށަށް އަންނަ މެހެމާނުންނަށް ވެސް މި ކާޅުގެ އުނދަގޫ ކުރިމަތިވެ އެވެ. އެ އަވަށަށް ވަދެގެން މަގުމަތީގައި ހިނގާފައި ދިއުމަކީ އެއްވެސް މީހަކަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ. ކާޅު ގޮސް އެމީހަކާ ހަމަލާ ދޭން ފެށުމުން ޖެހޭނީ އަވަހަށް ދުވެފައި ގޮސް ތަނަކަށް ވަދެ ފިލާށެވެ.
މި އަވަށުގައި ދިރިއުޅޭ މީހުން މިހާރު އާންމުގޮތެއްގައި މަގުމަތީގައި ހިނގާފައި އުޅޭ ތަނެއް ނުފެންނާނެ އެވެ. އެންމެން ވެސް އުޅޭނީ ދުވެފަ އެވެ. ކާޅު ހަމަލަ ދީފާނެތީ ގަންނާކުރައްވާ ބިރަކުންނެވެ.
އަވަށުގައި އުޅޭ މީހުންނަށް މި ކާޅު ހަމަލަ ދޭން ފެށި ވަކި ދުވަހެއް އެ އަވަށުގެ މީހުންނަށް ވެސް ބުނާކަށް ނޭނގެ އެވެ. މީގެ ހައެއްކަ މަސް ކުރިން އެއް ދުވަހަކު ހަމަ ކުއްލިއަކަށް ކާޅު އަވަށުގެ މީހަކަށް ހަމަލާ ދިނީ އެވެ. އޭގެ ފަހުން އެ އަވަށުގެ މަގުމަތިން ހިނގާފައިދާ މީހުންނަށް ކާޅު ހަމަލަ ދެމުން ގެންގޮސްފައި ވެއެވެ.
ކާޅު ހަމަލަ ދެނީ އުދުހިފައި އައިސް މީހުންގެ ބޮލަށް ތިރިކުރުމަށްފަހު ބޮލުގައި ތުނބުން ކޮށައިގެންނެވެ. ކާރުގެ ހަމަލަދޭ މީހުންގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެ ޒަޚަމްވެ އެވެ. އަދި އެއީ ވަރަށް ވޭން ހުރި ކަމެއް ކަމަށް އަވަށު މީހުން ބުނެ އެވެ. އެހެންވެ ކާޅު އަތުވެދާނެތީ އަވަށު މީހުންނަށް މިހާރު މަގުމަތީގައި ހިނގާބިނގާވެ އުޅޭކަށް ނުކެރެ އެވެ.
އެންމެ ހައިރާންވާ ކަމަކީ ކާޅު ހަމަލަދެނީ ބޮޑެތި މީހުންނަށް ވީމަ އެވެ. އަވަށުގެ ކުޑަ ކުދިންތައް މަގުމަތީގައި ދުވެ، ކުޅެ އުޅޭއިރު ކާޅު އެ ކުދިންނަކަށް ހަމަލައެއް ނުދެ އެވެ.
ކާޅު ރުޅިއައިސްގެން ބޮޑެތި މީހުންނަށް ހަމަލަދީފައި ހުއްޓައެއް ނުލަ އެވެ. އެމީހުން ގެންގުޅޭ ތަކެއްޗަށް ވެސް ގެއްލުން ދެ އެވެ. ކުޑަދޮރުތަކުގެ ބިއްލޫރިތަކުގައި ތުނބުން ތަޅާ ތަޅާ ބިއްލޫރީތައް ފުނޑުކުރުމަކީ ވެސް މި ސޮރު ކުރާ ކަމެކެވެ. ބައިސްކަލުގެ ލޯގަނޑާއި އެނޫންގެ ބިއްލޫރި އެއްޗެއް ފެނިއްޖެނަމަ އެ އެއްޗެއް ވެސް ތުނބުން ތަޅާ ފުނޑުފުނޑު ކުރެ އެވެ.
އެ އަވަށުގެ މީހުން ގަބޫލުކުރާ ގޮތުގައި މިއީ އެމީހުން އަޅުކަން ކުރަންދާ ފައްޅިއެއް މަރާމާތު ނުކޮށް ގިނަ ދުވަސްވެގެން ދިމާވާ ކަމެކެވެ.
"އަހަންނަކަށް ނޭނގެ މި ކާޅު މި އުޅެވެނީ ކީއް ވެގެން ކަމެއް. އެސޮރު އަހަރެމެންނަށް ހަމަލަދޭން އަބަދުވެސް އިންނަނީ ތައްޔާރަށް. މިހާރު މި މުސީބާތަކުން ސަލާމަތް ނުވެވިގެން އުޅޭތާ ހަ މަސް ދުވަސް ވެއްޖެ. އަހަރެމެންގެ ބޮލުގެ ނާށިގަނޑުގައި އެތައް ޒަޚަމެއް ލައިފި. އަހަރެންގެ އަވަށްޓެރިއެއްގެ ބޮލުގައި ކޮށައިގަތް ގަތީނުން ޒަޚަމްވެ ފަހަން ވެސް ޖެހުނު. އެއްވެސް މިހެއްގެ ބައިސްކަލުގެ ލޯގަނޑެއް ފުނޑުނުވާ ނެތް،" އެ އަވަށުގެ މިހަކު ބުންޏެވެ.