ރަޝިއާއަށް ވަޑައިގަތުމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން، ބްރެޒިލްގެ ރައީސް ޖައިރު ބޮލްސޮނާރޯ އަށާއި އާޖެންޓިނާގެ ރައީސް އަލްބާޓޯ ފެނާންޑޭޒް އަށް ދެއްވާފައި އޮތް ދައުވަތު ކެންސަލްކުރަަށް އެމެރިކާއިން އަންގާފައި އޮތްކަން ދެނެހުރި ކަމަށް ރަޝިއާ ބުނެފި އެވެ.
ޚާރިޖީ ސިޔާސަތު ކަނޑައެޅުމުގައި ޕޫޓިންއަށް ލަފާއަރުވާ ޔޫރީ އުޝަކޯފް ވިދާޅުވި ގޮތުން ގައުމުތަކުގެ ސިޔާސަތަށް ފާޑުކިޔައި ބިރުދައްކަން އެމެރިކާ ކުރާ ކޮންމެ ކަމެއް އދ. ގެ އަސާސްތަކާ ވެސް ޚިލާފެވެ.
ޔޫރީ އުޝަކޯފް ވިދާޅުވީ ބްރެޒިލް އާއި އާޖެންޓިނާއަށް ގައުމީ ސިޔާސަތު ކަނޑައަޅަން އެހެން ގައުމެއްގެ އެހީތެރިކަން ބޭނުން ނުވާނެ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ގައުމީ އަދި ވަތަނީ ރޫހު އެ ދެގައުމުގައި ވެސް އޮތް ކަމަށާއި އެމެރިކާއަށް ގޮތްފޮތް ކިޔައިދޭން ނުޖެހޭ ކަމަށެވެ.
ރަޝިއާއަށް ވަޑައިގަތުމަށް ބްރެލިޒްގެ ރައީސްއަށް ޕޫޓިން ދައުވަތު ދެއްވީ ޑިސެމްބަރުގަ އެވެ. ދައުވަތު ދެއްވާފައި އޮތީ ފެބްރުއަރީގައި ވަޑައިގަތުމަށެވެ.
އެހެން ނަމަވެސް ބްރެޒިލްއަށް ނުފޫޒުފޯރުވައި އެމެރިކާ އަންގާފައި އޮތީ ރަޝިއާގެ ދައުވަތު ގަބޫލު ކުރައްވައި އޮފިޝަލަކު އެ ގައުމަށް ވަޑައިގެންފި ނަމަ އެބަޔަކާ މެދު އެމެރިކާ ވިސްނާ ގޮތް ތަފާތުވާނެ ކަމަށެވެ.
ރަޝިއާ-ޔުކްރޭން މައްސަލާގައި ބްރެޒިލް، ރަޝިއާ ކޮޅަށް ޖެހުނީ ކަމަށް ބަލާނެ ކަމަށް ވެސް އެމެރިކާ އޮތީ އަންގާފަ އެވެ.
ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން ބުނި ގޮތުން އެމެރިކާ ދައްކާ ބިރަކީ ބްރެޒިލްއަށް ތުރުތުރުއަޅާ ވަރުގެ ކަމަކަށް ނުވާނެ އެވެ. އަދި ރާވާފައި އޮތް ގޮތަށް ދަތުރު ކުރިއަށް ދާނެ އެވެ.
ބޮލްސޮނާރޯ ވިދާޅުވީ ގޮތުން ޕޫޓިންއާ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުމަށް ޔުކްރޭންއަށް ވުރެ މުހިންމު ވާހަކަތައް އެބަ ހުރި ކަމަށެވެ. ބްރެޒިލުން ދައްކަން ހުރީ އެގައުމަށް ބޭނުންޖެހިފައި ހުރި ކަންކަމުގެ ވާހަކަތައް ކަމަށް ވެސް ވިދާޅުވި އެވެ.
ޔުކްރޭން މައްސަލާގައި އެމެރިކާ އާއި ނޭޓޯ ގައުމުތަކުން ރަޝިއާ ފަހައި ދުވާތާ ދުވަސްތަކެއް ވެއްޖެ އެވެ. ޔުކްރޭން ބޯޑަރަށް ރަޝިއާ އަސްކަރީ ފައުޖުތައް ޖަމާކުރާ މައްސަލާގައި އެމެރިކާގެ ބޮލުގައި ރިހެން ފެށިގޮތަށް އަދިވެސް އެރިހުމަށް ލުއިނުލިބެ އެވެ.
ރަޝިއާ ބުނާ ގޮތުން އެމެރިކާ ކޮންމެ ކަމެއް ކުރި ނަމަވެސް ރަޝިއާއަށް، ރަޝިއާއަށް ވުރެ މުހިންމު ކަމެއް ނޯންނާނެނެ އެވެ. އަދި ރަޝިއާގެ ސިޔާދަތާއި އިސްތިގުލާލަށް ބުރޫއަރާ ކޮންމެ ކަމެއް ފޮޅާލާނެ އެވެ.