ހަބަރު

މައުލޫމާތު ހާމަކުރުމުގެ ރަންވަނަ ހޮވަނީ

އެންމެ ރަނގަޅަށް މައުލޫމާތު ހާމަ ކުރާ އިދާރާއަކަށް "މައުލޫމާތު ހާމަކުރުމުގެ ރަންވަނަ" ދިނުމަށް އިންފޮމޭޝަން ކޮމިޝަނުން ނިންމައިފިއެވެ.

އިންފޮމޭޝަނުން ކޮމިޝަނުން މިއަދު ވަނީ މައުލޫމާތު ހާމަ ކުރުމުގެ ރަންވަނަ ހޮވުމާއި ދައުލަތުގެ އިދާރާތައް ދަރަޖަ ކުރާނެ ގޮތުގެ އުސޫލެއް ތައާރަފްކޮށްފައެވެ. މިއީ ޤޤާނޫނު ނަންބަރު:2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 37 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން ދައުލަތުގެ އިދާރާތަކުން އެ އިދާރާއެއްގެ އަމިއްލަ އިސްނެގުމުގެ މަތީން ވީހާ ވެސް ގިނައިން މައުލޫމާތު ޢާއްމު ކުރުމަށް ހިތްވަރުދިނުމުގެ ގޮތުންނާއި ބަލަހައްޓަންޖެހޭ މައުލޫމާތު ބެލެހެއްޓުމަށް ހިތްވަރުދިނުމުގެ ގޮތުން އިންފޮމޭޝަން ކޮމިޝަނުން އިން ތައާރަފު ކުރެއްވި އުސޫލެކެވެ.

މި ރަންވަނައާ ބެހޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒު އަބޫބަކުރު ވިދާޅުވީ، އެ މަގާމަށް އިދާރާއެއް ހޮވުމަށް ހަމަޖެހިފައިވަނީ އެކަމަށް އެދި ހުށައަޅާ އިދާރާތަކުގެ ތެރެއިން ކަމަށާއި އެކަމަށް ކުރިމަތިލާ ފޯމު އަންނަ އަހަރު މެދެއްހާ ތާނގައި ތައާރަފު ކުރާނެ ކަމަށެވެ.

އަޒީޒު ވިދާޅުވީ، މައުލޫމާތު ހާމަ ކުރުމުގެ ރަންވަނައަކީ އެންމެ ޝަރަފުވެރި ވަނަ ކަމަށާއި އެ ވަނައިގެ ސަބަބުން އެންމެ ރަނގަޅަށް މައުލޫމާތު ހާމަ ކުރާ އިދާރާއެއް އެނގިގެން ދާނެ ކަމަށެވެ.

އެ އުސޫލުގައިވާ ގޮތުން ދައުލަތުގެ އިދާރާތައް ގިންތި ކުރެވޭނީ، އިދާރާތަކުން މައުލޫމާތު ހާމަ ކުރުމަށް އިސްކަން ދޭ މިންވަރަށް ބަލުމަށް ފަހުގައެވެ. އަދި އެކަން ކުރާނީ އިންފޮމެޝަން ކޮމިޝަނުން ކަމަށްވެސް އެ އުސޫލުގައިވެއެވެ.

"މަޢުލޫމާތު ހާމަކުރުމުގެ ރަންވަނަ" ހޮވުމާއި ދައުލަތުގެ އިދާރާތައް ދަރަޖަ ކުރާނޭ ގޮތުގެ އުސޫލު ދައުލަތުގެ ހުރިހާ އިދާރާއަކަށް މިއަދު ފޮނުވުމަށް ނިންމާފައިވާއިރު، މި އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓާއި އިންފޮމޭޝަން ކޮމިޝަންގެ ވެބްސައިޓުގައި މާދަމާ ޝާއިއު ކުރެވޭނެއެވެ.