ޑރ. އައިޝަތު އަލީ

ހުނަރުވެރި ދަރިވަރުން ޓީޗަރުންނަށް ވުމަށް އެދިވަޑައިގެންފި

Feb 3, 2022
3

ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަށް ރައީސް އިބްރާހީމް ސޯލިހް ނިންމެވުމާ ގުޅިގެން ހުނަރުވެރި ދަރިވަރުން ޓީޗަރު ކަމަށް ކުރިމަތިލުމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެދިވަޑައިގެންފި އެވެ.

މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވީ މީގެ ކުރިން ދުވަހަކުވެސް ބޮޑު ކޮށްދީފައި ނުވާ މިންވަރަކަށް މުދައްރިސުންގެ މުސާރަ ބޮޑުކޮށްދިނުމަށް ނިންމަވާ ރައީސް ސޯލިހް އެކަން އިއުލާން ކުރެއްވުމަކީ ސްކޫލްތަކާއި ގުޅިފައިވާ ހުރިހާ ފަރާތްތަކަކަށް ލިބުނު މަތިވެރި އުފަލެއް ކަމަށެވެ.

"އެ ހުރިހާ ފަރާތްތަކެއްގެ ނަމުގައި ރައީސްއަށް ޝުކުރު ދަންނަވަން،" މިނިސްޓަރު ވިދާޅުވި އެވެ.

އައިޝަތު އަލީ ވިދާޅުވީ މުދައްރިސުންގެ މުސާރައިގެ މިންވަރު ގުޅިފައިވަނީ ދިވެހިރާއްޖޭގެ ތަރައްގީއާ ކަމަށެވެ. އެހެންކަމުން ހުނަރުވެރި ދަރިވަރުން މުދައްރިސް ކަމަށް ކުރިމަތިލުމަށާއި މޮޅެތި މުދައްރިސުން ވަޒީފާގައި ދެމިތިބުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ އެންމެންގެ މުސާރަ ބޮޑުކުރުމުން ގްރެޖުއޭޓް ފެންވަރުގެ ސެކަންޑްރީ ޓީޗަރެއްގެ މުސާރަ އިތުރު ގަޑީގެ ފައިސާ ނުހިމަނާ 12،628 ރުފިޔާ އިން 19،640 ރުފިޔާ އަށް ބޮޑުވާނެ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ސިވިލް ސާވިސްގައި މަސައްކަތް ކުރާ 13،000 އަށް ވުރެ ގިނަ މުވައްޒަފުންނަކީ ތައުލީމީ ދާއިރާގެ މުވައްޒަފުންނެވެ. އެއީ ގާތްގަނޑަކަށް ސިވިލް ސާވިސްގެ 45 ޕަސަންޓް މުވައްޒަފުންނެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަކިން ހާއްސަކޮށް ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަކީ ރައީސް ސޯލިހުގެ ވައުދެކެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި ތައުލީމީ ދާއިރާ އަށް 4.1 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން 2.3 ބިިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ތައުލީމީ ދާއިރާގެ މުވައްޒަފުންގެ ހަރަދުގެ ގޮތުގަ އެވެ.