އިސްލާމިކް ޔުނިވާސިޓީ

އައިޔޫއެމް އިތުރަށް ތަރައްގީކުރަން އިންޑިއާ ސަފީރާ މަޝްވަރާކޮށްފި

Feb 3, 2022

އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިތުރަށް ތަރައްގީ ކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން އިންޑިއާ ސަރުކާރާ އެކު މަޝްވަރާ ކޮށްފި އެވެ.

އިސްލާމިކް ޔުނިވަސިޓީގައި މިއަދު ކުރިއަށް ދިޔަ މަޝްވަރާތަކުގައި އިސްކޮށް ތިއްބެވީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރް އާއި އައިޔޫއެމްގެ ވައިސް ޗާންސެލާ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އެެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނީ މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރީ އިންޑިއާގައި މަތީ ތައުލީމު ދޭ މަރުކަޒުތަކާ ގުޅިގެން އައިޔޫއެމްގެ ޕްރޮގްރާމުތަކާއި ދިރާސާތައް އިތުރަށް ވަރުގަދަ ކުރުމަށް ކަމަށެވެ.

މިބައްދަލުވުމާ ގުޅޭ ގޮތުން އައިޔޫއެމް އިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ

އައިޔޫއެމް އިން ގެންދަނީ އެކި ގައުމުތަކުގެ މަތީ ތައުލީމު ދޭ މަރުކަޒުތަކާ ގުޅިގެން އެ ޔުނިވަސިޓީގައި އާ ކޯސްތައް ހިންގުމަށާއި މިހާރު ކުރިއަށްދާ ކޯސްތަކުގެ ފެންވަރު މަތިކުރުމަށް އެކި މަސައްކަތްތައް ކުރަމުންނެވެ.

ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ނަމުގައި ހިންގަމުން ދިޔަ ތައުލީމީ މުއައްސަސާ، ވަކި ހާއްސަކުން ގާނޫނަކުން ޔުނިވަސިޓީ އަކަށް ބަދަލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އެވެ.