އެކިއެކި ކަންކަމާއި އެކި ޙާލަތުގައި ތިމާއަށް ލިބިފައިވާ ނިއުމަތްތަކާއި އެހެން މީހުންނާ އަޅާކިޔޭ ގޮތްވެ އެވެ. އަނެކާ އަށް ލިބިފައިވާ ވަޒީފާ ނުވަތަ އާމްދަނީއާ މެދުގަ އެވެ. ނުވަތަ ޞިއްޙަތާއި ދުޅަހެޔޮކަމާ މެދުގަ އެވެ. ނުވަތަ ގޯތިގެދޮރާއި ފޭރާމާއި ތަނަވަސްކަމާ މެދުގަ އެވެ.
މިގޮތަށް ތިމާއަށް ވުރެ ފަސޭހައިގައި އުޅޭ މީހުންނަށް ބެލުމަކީ އެކަމުގެ ސަބަބުން އެތަކެއް ހިތާމަ ކުރިމަތި ކުރުވާ ކަމެކެވެ. އަނެކާ އަށް ލިބިފައިވާ ނިއުމަތްތަކާ މެދު ޙަސަދަވެރިކުރުވާ ކަމެއްވެސް މެއެވެ. އަދި ތިމާއަށް މާތް ﷲ ދެއްވި ގިނަގުނަ ނިއުމަތްތައް ހަނދާން ނައްތާލައި ކަމެއްވެސް މެއެވެ. އަދި ތިމާއަށް މާތް ﷲ ލެއްވި ރަޙުމަތާމެދު ނިކަމެތިކަމުގެ ނަޒަރަކުން ދެކެވި، އެ އިލާހުގެ ރަޙުމަތުން އުއްމީދު ކެނޑިގެން ދިޔުމަށް މެދުވެރި ކުރުވާ ކަމެކެވެ.
މިފަދަ ސަބަބުތަކަށްޓަކައި މާތް ނަބިއްޔާ صلى الله عليه وسلم ވަނީ އެކަމުގެ ޙައްލު އުނގަންނަވައި ދެއްވާފަ އެވެ. އިތުރު އެކަލޭގެފާނުގެ އެ އިރުޝާދުގައި ހިފައިފި މީހެއްގެ ހިތްދަތިކަމާއި، ވޭނާއި ކެކުޅުންތަކަށް ކެތްކުރަން ފަސޭހަވެ، ކުރިމަތިވެފައިވާ ޙާލަތާއި މާތް ﷲ ގެ މިންވަރުފުޅަށް ރުހެން ފަސޭހަވެގެން ދެއެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ. «انْظُرُوا إِلَى مَنْ أَسْفَلَ مِنْكُمْ، وَلَا تَنْظُرُوا إِلَى مَنْ هُوَ فَوْقَكُمْ، فَهُوَ أَجْدَرُ أَنْ لَا تَزْدَرُوا نِعْمَةَ اللهِ عَلَيْكُمْ» رواه مسلم މާނައީ: "ތިޔަބައިމީހުން އަބަދުވެސް ތިމާއަށްވުރެ ދަށްފެންވަރުގައި ދިރިއުޅޭ މީހުންނަށް ބަލާށެވެ! އަދި ތިޔަބައިމީހުންނަށްވުރެ ތަނަވަސް ޙާލުގައި އުޅޭ މީހުންނަށް ނުބަލާށެވެ! އެހެނީ، އެއީ ﷲ ގެ ނިއުމަތަށް ނިކަމަތިކޮށް ހިތުމުގެ ސުންޕާކަމުން ތިޔަބައިމީހުން ސަލާމަތްވުން ގާތްގޮތެވެ."
މި ބަސްފުޅަކީ ކީރިތި ރަސޫލާ صلى الله عليه وسلم އަށް ދެއްވިގެންވާ جَوَامِعُ الكَلِمْ (މަދު ބަސްކޮޅަކުން ފުން މާނަތައް ދޭހަވާ ބަސްފުޅުތައް)ގެ ތެރެއިން ހިމެނޭ ބަސްފުޅެކެވެ. މީސްތަކުން ވަނީ ދުނިޔޭގެ ދިރިއުޅުމާއި ރިޒުޤު ތަނަވަސްކޮށްދެއްވުމުގައި ތަފާތު ދަރަޖަތަކުގަ އެވެ.
މާތް ﷲ ވަޙީކުރައްވާފައިވެ އެވެ. ﴿ نَحْنُ قَسَمْنَا بَيْنَهُمْ مَعِيشَتَهُمْ فِي الْحَيَاةِ الدُّنْيَا وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَاتٍ لِيَتَّخِذَ بَعْضُهُمْ بَعْضًا سُخْرِيًّا وَرَحْمَتُ رَبِّكَ خَيْرٌ مِّمَّا يَجْمَعُونَ﴾ (الزخرف: 32) މާނައީ: "ދުނިޔޭގެ ދިރިއުޅުމުގައި އެއުރެންގެ މެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަން އިލާހެވެ. އަދި އިލާހު އެއުރެން ކުރެ ބައެއް މީހުން، އަނެއް ބައިމީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލެވީމެވެ. (އެއީ) އެއުރެންކުރެ އެއްބަޔަކު އަނެއް ބަޔެއްގެ ޚިދުމަތްތެރިކަން ހިފުމަށްޓަކަ އެވެ. އަދި ކަލޭގެފާނުގެ ވެރިރައްބުގެ ރަޙްމަތް އެއުރެން އެއްކުރާ ތަކެއްޗަށް ވުރެ ހެޔޮކަން ބޮޑެވެ."
ކޮންމެ މީހަކުވެސް، އުފަންވުމުގެ ކުރިން އޭނާގެ ހަތަރުކަމެއް ލިޔުއްވުމަށް މަލާއިކަތުންނަށް އަމުރުކުރައްވާނޭކަމުގައި ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘް ކުރައްވަ އެވެ.
މާތް ﷲ އެކަލޭގެފާނަށް ރުއްސުންލެއްވި ޢަބްދު ﷲ ބުނު މަޞްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެންވެ އެވެ. އެކަލޭގެފާނު ވިދާޅުވި އެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި އެވެ.
"ހަމަކަށަވަރުން، ތިޔަބައިމީހުންކުރެ މީހަކު ޚަލްޤު ކުރެއްވުމުގައި އޭނާގެ މައިމީހާގެ ބަނޑުގައި ނުޠުފާއެއްގެ ސިފައިގައި ސާޅީސް ދުވަސް ވަންދެން ލަހައްޓަވަ އެވެ. އެއަށްފަހު، ހަމަ އެހައި ދުވަހު ގަނޑުލޭކޮޅެއްގެ ސިފައިގައި ލަހައްޓަވަ އެވެ. އެއަށްފަހު، ހަމައެހައި ދުވަހު މަސްކޮޅެއްގެ ސިފައިގައި ލަހައްޓަވަ އެވެ. ދެން އެއަށްފަހު، ﷲ ތަޢާލާ މަލާއިކަތަކު ފޮނުއްވަ އެވެ. އަދި މާތް ﷲގެ އަމުރުފުޅަށް އެމަލާއިކަތާ، އެ އިންސާނާގައި ފުރާނަ އަޅުއްވަ އެވެ. އަދި ހަތަރު ކަމެއް އެމަލާއިކަތާ އަށް އަމުރުވެވިގެންވެ އެވެ. އެއީ އޭނާގެ ރިޒުޤާއި، އޭނާގެ ޢުމުރާއި، އޭނާގެ ޢަމަލާއި، އޭނާއީ ބާއްޖަވެރިޔަކުކަން ނުވަތަ އަބާއްޖަވެރިޔަކު ކަން ލިޔުއްވުމެވެ." (ރިވާކުރެއްވީ އަލްއިމާމު ބުޚާރީއާއި މުސްލިމްއެވެ.)
މިޙަދީޘްފުޅާއި އަދި މިނޫވެސް ބަސްފުޅުތަކުން އިނގޭ ގޮތުގައި އިންސާނާ ދުނިޔެއަށް އައުމުގެ ކުރީގައި އޭނާގެ މައްޗަށް މާތް ﷲ މިންވަރު ކުރައްވަފައިވާ ކަންތައްތަކުގެ ތެރޭގައި އޭނާގެ އަޖަލާއި އޭނާގެ ރިޒުޤު ހިމެނެ އެވެ.
މީސްތަކުންނަށް މާތް ﷲ ދެއްވާފައިވާ ރިޒުޤު ތަފާތުވުމާއި، އަދި އިންސާނާ އަކީ އޭނާގެ އަތުގައިވާ ތަކެއްޗަށް ވުރެ އެހެން މީހުންގެ އަތުގައި ހުންނަ ތަކެއްޗަށް ބެލޭ ގޮތްވުން ޠަބީޢަތުގައި ހުންނަ މީހަކަށްވީ ހިނދު، އިސްވެ ބަޔާންކުރެވުނު މަތިވެރި ނަބަވީ އިރުޝާދުތަކުގައި ހިފުމަކީ ނަފްސު ކޮންޓުރޯލު ކުރުމަށާއި ޝުކުރުވެރި ވުމަށް މަގުފަހިކޯށްދޭ ކަމެކެވެ.