ބޮލީވުޑް

ތޭޖާސްވީއަށް ޓްރޮފީ ލިބުނީ "ނާގިން 6" ކުޅޭތީއެއް ނޫން: ކަރަން

ބިގް ބޮސް 15ގެ ޓްރޮފީ ތޭޖާސްވީ ޕްރަކާޝް އަށް ލިބުމުން އެކަމާ ހިތްހަމަނުޖެހިގެން ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި މި ޝޯގެ އޮގަނައިޒަރުންނަށް ފާޑު ކިޔަން ވަނީ ފަށާފަ އެވެ. އެންމެ ބޮޑަށް މިކަމަށް ފާޑުކިޔަނީ ރަނަރަޕަށް ހޮވުނު ޕްރަތީކް ސޭހަޖްޕާލްގެ ފޭނުންނެވެ. އަދި ޓޮޕް 5ގައި ހިމެނުނު ޝަމީތާ ޝެޓީގެ ފޭނުން ވެސް ވަރަށް ރުޅިގަދަވެގެން ތޭޖާސްވީ އާއި ޝޯގެ އޮގަނައިޒަރުންނަށް މަލާމާތްކޮށް ފާޑުކިޔާފައި ވެއެވެ.

ފާޑުކިޔާ މީހުން ބުނަނީ ތޭޖާސްވީ އަށް އެއްވަނަ ދިނީ އޮޅުވާލައިގެން ކަމަށާއި މިއީ އޭނާއަށް ހައްގު އެވޯޑެއް ނޫން ކަމަށެވެ. އަދި ކަލާޒް ޓީވީން ތޭޖާސްވީއަށް ބިގް ބޮސްގެ ޓްރޮފީ ދިނީ އެ ޗެނަލްގެ އާ ޝޯ "ނާގިން 6" ކުޅެން އެއްބަސްވެ ހެދި ޑީލަކުން ކަމަށް ވެސް ފާޑުކިޔާ މީހުން ދަނީ ބުނަމުންނެވެ.

ނަމަވެސް ބިގް ބޮސްގެ ގޭގައި މިފަހަރު ތޭޖާސްވީ އާއެކު އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހުރި އޭނާގެ ލޯބިވެރިޔާ އަދި މިފަހަރުގެ ސީޒަންގެ ސެކަންޑް ރަނަރަޕް ކަރަން ކުންދްރާ ވަނީ މި ވާހަކަތައް ދޮގުކޮށްފަ އެވެ. ކަރަން ބުނި ގޮތުގައި މިއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަ ތަކެކެވެ.
"ބިސް ބޮސް 15" ގައި އޮޅުވާލުމާއި މަކަރު ހަދައިގެން ތޭޖާސްވީ ގަސްތުގައި މޮޅުކުރީކަމަށް މީހުން ދައްކާ ވާހަކަތައް އިންޑީއާ ޓުޑޭ އަށް ދިން އިންޓަވިއު އެއްގައި ކަރަން ވަނީ ދޮގުކޮށްފަ އެވެ.

ކަރަން ބުނި ގޮތުގައި ބިގް ބޮސްގެ ގޭގައި ތިބި ޝޯގެ ކޮންމެ ބައިވެރިއެއްގެ ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން ތިއްބެވެ. އަދި ބިގް ބޮސްގެ އެއްވެސް ބައިވެރިއަކު ތޭޖާސްވީ ޝޯ ކާމިޔާބުކުރާކަށް ނޭދެ އެވެ. އަދި "ބިގް ބޮސް"ގެ ގެއިން ބޭރުގައި ތިބި ޝޯގައި ކުރިން ބައިވެރިވެފައި ތިބި މީހުން ވެސް ތޭޖާސްވީ ޝޯ ކާމިޔާބުކުރާކަށް ނޭދެ އެވެ. ތޭޖާސްވީއަށް ވޯޓުދިނީ ޝޯ ފޮލޯކުރަމުންދިޔަ އާއްމު ރައްޔިތުން ކަމަށް ކަރަން ބުންޏެވެ.
"ނަތީޖާ ބަދަލެއް ނުކުރެވޭނެ. ވޯޓެއް ބަދަލެއް ނުކުރެވޭނެ. ތޭޖާސްވީއަށް އެއްވަނަ ހޯދައިދިނީ އާއްމުން،" ކަރަން ބުންޏެވެ.

ކަރަން ބުނި ގޮތުގައި "ބިގް ބޮސް"އަކީ ބޮޑު ބަޖެޓަކުން ތައްޔާރުކުރި އަގުބޮޑު ޝޯ އެކެވެ. އެހެންކަމުން އެހާ ގިނަ ފައިސާ ޚަރަދުކޮށްގެން އުފައްދާ ޝޯއެއްގެ އޮގަނައިޒަރުން ވަކި މީހަކަށް ގަސްތުގައި ޝޯ ކާމިޔާބުކޮށްދޭން މަސައްކަތްކުރުން ފަދަ ރިސްކެއް ނުނަގާނެ އެވެ. ޚާއްސަކޮށް އެހެން ޝޯއެއްގައި އޭނާ ބައިވެރިވާތީއޭ ކިޔާފައި "ބިގް ބޮސް"ގެ ޓްރޮފީ ގަސްތުގައި ނުދޭނެ އެވެ. އަދި މިއީ ބުއްދިއަށް ގަބޫލު ކުރެވޭ ޒާތުގެ ވާހަކައެއް ނޫންކަމަށް އޭނާ ބުންޏެވެ.

"ކޮންމެ މީހަކުވެސް އެމީހަކު ސަޕޯޓްކުރާ މީހަކަށް ނާކާމިޔާބުވީމަ ދެރަ ވާނެ. "ބިގް ބޮސް" އަކީ 700-800 ކްރޯޑުގެ މިލްކިއްޔާތެއް. ޝޯގެ ހޯސްޓް ސަލްމާން ޚާނާއި އެތައް ބަޔަކު 15 އަހަރު ވަންދެން ވަރަށް ކާމިޔާބު ކަމާއެކު ކުރިޔަށް ގެންދިޔަ ކާމިޔާބު ޝޯއެއް. އެހެންވީމަ އެފަދަ ޝޯއަކަށް ހުތުރު ނަން ލިބޭ ބަދުނާމްވާ ކަހަލަ ކަމެއް ޝޯގެ އޮގަނައިޒަރުން ނުކުރާނެ،" ކަރަން ބުންޏެވެ.

ތޭޖާސްވީ ޝޯ ކާމިޔާބުކުރުމަށްފަހު ބިގް ބޮސްގެ ކުރީ އަހަރެއްގެ ޓްރޮފީ ހޯދާފައިވާ ގޯހަރް ޚާން ބުނެފައިވަނީ ތޭޖާސްވީ އަށް ވުރެ ޕްރަތީކް އަށް މި ޓްރޮފީ މާ ހައްގު ކަމަށެވެ. ތޭޖާސްވީގެ ނަން އިއުލާންކުރުމުން މުޅި ތަނަށް ވެރިވި ހަމަހިމޭންކަމުން ވެސް އެއްވެސް މީހަކު މި ނަތީޖާ ގަބޫލުނުކުރާކަން ޔަގީންކުރެވުނުކަމަށް ގޯހަރް ބުނެފައި ވެއެވެ.

ގޯހަރް ނޫނަސް ގިނަ ބަޔަކު މިގޮތަށް ގަބޫލުކުރާ އެތައް ހާސް ބަޔަކު އެބަތިއްބެވެ. ނަމަވެސް ޝޯގެ އޮގަނައިޒަރުން ތޭޖާސްވީއަށް ޓްރޮފީ ހޯދައިދޭން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.