ކުދި ވިޔަފާރިތަކަށް އެސްޓީއޯގެ ސްޕާ މާކެޓްގައި ތަކެތި ވިއްކޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ މަސައްކަތް އެސްޓީއޯ އިން ފަށައިފި އެވެ.
މިމަސައްކަތް މިވަގުތަށް ފަށާނީ ކުރިއަށް އޮތް ރޯދަ މަހަށް އަމާޒުކޮށްގެން ކުދި ވިޔަފާރިތަކުން އުފައްދާ ތަކެތި ވިއްކޭނެ ގޮތް ހަމަޖައްސައިދިނުމުގެ ގޮތުންނެވެ.
ކުދި ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމަށްޓަކައި އެސްޓީއޯގެ ސްޕަމާކެޓްގައި ތަކެތި ބެހެއްޓޭނެ ގޮތް އިންތިޒާމު ކުރުމަށްޓަކައި އެކަމަށް ހާއްސަ ޖާގަ ހެދުމުގެ މަސައްކަތް އެސްޓީއޯ އިން ދަނީ ކުރަމުންނެވެ.
މާޗް މަހަށް ތަން ހުޅުވަން ތައްޔާރުވަމުންދާއިރު އެތަނުގައި ބަހައްޓާނެ ތަކެތި ހޯދުމަށް އެސްޓީއޯ އިން ދަނީ ކުދި ވިޔަފާރިތަކާ އެކު ވާހަކަދައްކަމުންނެވެ.
ރޯދަ މަސް ފެށެ ދެމަހަށް ވުރެ ކައިރިވެފައިވާއިރު ރޯދަ މަހަށް އެންމެ ބޮޑަށް ތައްޔާރުވާ އެއް ކުންފުންޏަކީ އެސްޓީއޯ އެވެ.
ރޯދަ މަހާ ދިމާކޮށް އާންމުކޮށް ތަކެތީގެ އަގު ބޮޑުވާތީ އަގުތައް ކޮންޓްރޯލް ކުރުމާއި އާންމުންނަށް ފަސޭހަ އަގުތަކެއްގައި މުދާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގައި ވެސް އެސްޓީއޯ އިން މުހިއްމު ދައުރެއް އަދާ ކުރެ އެވެ.