މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

އަތޮޅު ހައުސިން މަޝްރޫއުގެ ބީލަން އަވަސްވާނެ: އަސްލަމް

Feb 4, 2022

އަތޮޅު ތެރޭގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފެށުމަށްޓަކައި ކައުންސިލްތަކާ މަޝްވަރާ ކުރަމުންދާ ކަމަށާއި މާލަސްތަކެއް ނުވެ އެ މަސައްކަތްތައް ފެށޭނެ ކަމަށް ބެލެވޭ ކަމުގައި ޕްލޭނިިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި އަތޮޅު ތަކުގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވެ އެވެ.

އަތޮޅުތަކުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތުތައް އިތުރުކުރުމަށް 1.5 ބިިލިއަން ރުފިޔާގެ ލުއި ލޯނު ސްކީމެއް މިއަހަރު ތައާރަފް ކުރައްވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެންމެ ފުރަތަމަ އިއުލާން ކުރެއްވީ މިދިޔ އަހަރުގެ އޭޕްރީލް ނުވަވަނަ ދުވަހު އއ. ރަސްދޫގައި ބޭއްވި ޖަލްސާއެއްގަ އެވެ.

ރައީސް ސޯލިހް އިއްޔެ ރިޔާސީ ބަޔާން އިއްވަވަމުން ވެސް ވިދާޅުވީ ބޯހިޔާވަހިކަމާއި ރައްޔިތުން ގެދޮރުވެރިކުރުވުމަކީ، ރާއްޖޭގެ ގިނަ ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ އެންމެ ބޮޑު މަސައްކަތް ކަމަށެވެ. އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫއުގެ ދަށުން ޖުމްލަ 2,180 ގެދޮރުގެ މަސައްކަތް، އެކި މަރުހަލާގައި ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ. ގެދޮރުވެރިޔާ ލޯނުގެ ގޮތުގައި 82 މީހަކަށް 42 މިލައަނަށް ވުރެ ގިނަ ރުފިޔާ ދޫކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށްވެސް ރައީސް އިއްޔެ ވިދާޅުވި އެވެ.

ބަޖެޓުގައި ހިމަނާފައިވާ 1.5 ބިލިއަން ރުފިޔާގެ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރު އަސްލަމް ވިދާޅުވީ އެ ފައިސާ އިން މަޝްރޫއުތައް ހިންގާނެ ރަށްތަކެއް ކަނޑައެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އެ މަސައްކަތް ހިނގަމުންދާއިރު ރަށްރަށުގައި މަޝްރޫއުތައް ހިންގާނެ ބިން ކަނޑައެޅުމާއި ރަށްރަށުގައި އަޅާނީ ރޯހައުސްތޯ، ފްލެޓްތޯ ނޫނީ ވަކިވަކި ގެތަކެއްތޯ ކަނޑައެޅުމަށްޓަކައި ކައުންސިލްތަކަކާ މަޝްވަރާ ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ 1.5 ބިލިއަން ރުފިޔާ އިން ރާއްޖޭގެ އެކި ހިސާބުތަކުގައި މަދުވެގެން 1،500 ހައުސިން ޔުނިޓް އެޅޭނެ ކަމަށް ބެލެވޭ ކަމަށެވެ. މިހާރު ކުރިއަށްދާ މަޝްވަރާތަކަށް ފަހު ވަރަށް އަވަހަށް ބީލަމަށް ހުޅުވާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.