ހަބަރު

ބައެއް އުފެއްދުންތަކުގައި ބަނގުރާ އެކުލެވޭތީ ވިއްކުން މަނާކޮށްފި

ރާއްޖެއަށް އެތެރެކޮށް ވިއްކަމުން ގެންދާ ބައެއް އުފެއްދުންތަކުގައި ބަނގުރާ އެކުލެވޭތީ އެ އުފެއްދުންތައް އެތެރެކުރުމާއި ވިއްކުން މަނާކޮށްފި އެެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ބުނީ ކާބޯތަކެތި ވިއްކާ ތަންތަން ބަލައި ފާސްކުރުމުގައި އިމްޕޯޓްކޮށް ވިއްކާ ބައެއް ކާބޯތަކެތީގެ އުފެއްދުންތަކުގެ ލޭބަލްގައި ބަނގުރާ އެކުލެވިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ އުފެއްދުންތަކަކީ ކިއްކޯމަން ބްރޭންޑްގެ ޓެރިޔަކީ ސޯސް އާއި ޔޫކާ ބްރޭންޑްގެ ކެޕަންގް ސްޓިކް އަދި ރަސާ އަންގުރު މާޝްމެލޯ އެވެ.

އެ އޮތޯރިޓީން ވަނީ މި އުފެއްދުންތައް ރާއްޖެ އެތެރެކުރުމާއި ވިއްކަން ނުބެހެއްޓުމަށް އަންގާފައެވެ. އަދި މިފަދަ ކަންކަމުން ރައްކާތެރިވުމަށްޓަކައި ކާބޯތަކެތި ބޭނުންކުރާއިރު އޭގައިވާ ލޭބަލް ރަނގަޅަށް ބެލުމަށްފަހު އެތަކެތި ބޭނުން ކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި އުފެންދުންތައް ވިއްކަން ބަހައްޓާފައިހުރިނަމަ އެކަން ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް އަންގަން ވެސް ވަނީ އެދިފައެވެ.