ޕާޓީ އުފެއްދިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ އެންމެ ދޮށީ ޕާޓީތައް ބައިވެރިވާ އިންތިހާބެއްގައި ބިރެއް ނެތި ބައިވެރިވެ ހިތްވަރާއެކު މަސައްކަތް ކުރުމަކީ އެމްއެންޕީގެ ކުރިމަގު އުޖާލާކަން އަންގައިދޭ ކަމެއް ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްއެންޕީން މިހެން ބުނެފައިވަނީ މިއަދު އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާއާ ގުޅޭގޮތުން ދެންމެ ނެރުނު ބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މި ފަހަރުގެ އިންތިހާބުން ހާމަވެގެން ދިޔަ އެއް ކަމަކީ ނުފޫޒެއް ނެތި އިންސާފުވެރިކަމާއެކު ހަމަހަމަ ކަމާއެކު އިންތިހާބުތައް ބޭއްވުމަށް ހުރި ގޮންޖެހުންތައް ހައްލު ކުރުމަށްޓަކާ އިންތިހާބުތަކާ ބެހޭ ގާނޫނުތަކަށް ގިނަ ބަދަލުތަކެއް ގެންނަން ޖެހޭ ކަމެވެ. އަދި އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް އެކި ފަރާތްތަކުން ކުރާ ކަންކަން ހުއްޓުވުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އެމްއެންޕީން ބުނީ ގިނަ ޕާޓީތައް އެކުލެވޭ ޑިމޮކްރަސީގެ ތެރެއިން ސިޔާސީ ޕާޓީތައް އުފެދި ހަރަކާތްތެރިވަމުންދާތާ 15 އަހަރުވީނަމަވެސް ރައްޔިތުން އެދޭ ތަރައްގީ އާއި ފުއްދުންތެރިކަން އައިސްފައިނުވާ ކަމަށެވެ. އެހެން ކަމުން އެފަދަ ރައްޔިތެއް އުފެއްދުމަށް އެމްއެންޕީން މަސައްކަތް ކުރާނެ ކަމަށެވެ.
އެ ޕާޓީން ވަނީ މިއަދުގެ އިންތިހާބު ކާމިޔާބުކުރި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުއަށް މަރުހަބާ ކިޔާފައެވެ. އަދި އެމްއެންޕީން ވާދަކުރި ކެންޑިޑޭޓް އަބްދުލް ހަންނާން އަށްވެސް ޝުކުުރު އަދާކޮށްފައެވެ.