އެޗްޕީއޭ

ހަތަރު ރަށެއް މޮނިޓަރިން އަށް

Feb 5, 2022

ކޮވިޑް 19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ހަތަރު ރަށެއް މޮނިޓަރިންނަށް ލައިފި އެވެ.

އެގޮތުން މިއަދު މޮނިޓަރިން އަށް ލާފައިވަނީ ރ. އަލިފުށްޓާއި، ތ. ވިލުފުއްޓާއި ގދ. ފިޔޯރީގެ އިތުރުން ގއ. ހޯޑެއްދޫ އެވެ.

އަލިފުށި ކައުންސިލުން ބުނީ އެ ރަށް މޮނިޓަރިންއަށް ލާފައިވާ ކަމަށް އެޗްޕީއޭ އިން އެންގީ މިރޭ ކަމަށެވެ.

އަލިފުށީގައި ކޮވިޑް ބައްޔަށް ޕޮޒިޓިވްވެފައިވާ 49 މީހަކު ފަރުވާ ހޯދމުންދާ ކަމަށްވެސް ކައުންސިލުން މައުލޫމާތު ދީފައިވެ އެވެ.

ހޯޑެއްދޫގައި 60 އަށް ވުރެ ގިނަ މީހުން ކޮވިޑް ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

އެޗްޕީއޭ އިން މިއަދު މޮނިޓަރިން އަށް ގެންދިޔަ ހަތަރު ރަށާއެކު މިހާރު މޮނިޓަރިންގައި އޮތީ 39 ރަށެވެ.

ރާއްޖެއިން މިއަދު ވަނީ އިތުރު 1،589 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 148،580 އަށް އަރާފަ އެވެ.