ފައިސަލް ނަސީމް

ވައުދު ފުއްދުމުގައި ސަރުކާރު ދެމިތިބޭނެ: ނައިބް ރައީސް

Feb 5, 2022

ސަރުކާރުން ވައުދު ފުއްދުމުގައި ދެމިތިބޭނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސް މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް ސަރުކާރުން ކޮމަންޑޫ ދާއިރާގައި ފެށި މަޝްރޫއުތައް އިންތިހާބުގެ ނަތީޖާއަށް ފަހު މެދުކެނޑޭނެ ކަމަށް ނުވަތަ ސްޕީޑް ލަސްވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފައި ވަނިކޮށެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ނަތީޖާ އަށް ފަހު ނައިބް ރައީސް ވަނީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް މަރުހަބާ ވިދާޅުވެފަ އެވެ.

އިދިކޮޅު ފަރާތްތަކުގެ ތުހުމަތަށް ނުސީދާކޮށް ރައްދު ދެއްވަމުން ނައިބް ރައީސް ވަނީ ސަރުކާރުން ވަމުންދާ ވައުުދުތައް ފުއްދުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރާޝިދު އިންތިހާބު ކާމިޔާބު ކުރެއްވީ އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އަށް ވުރެ 240 ވޯޓު އިތުރަށް ހޯއްދަވައިގެންނެވެ. އިންތިހާބުގައި ރާޝިދަށް 1،401 ވޯޓު ލިބިވަޑައިިގެންނެވިއިރު ފަތުހީ އަށް ލިބިވަޑައިގަތީ 1،161 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާން އިދުރީސް އަށް ލިބިވަޑައިގަތީ 232 ވޯޓެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ބުނީ މުޅި ދައުލަތާއި އަދި އިންޑިއާ ސަރުކާރުގެ އެހީތެރިކަމުގައި 200 އެއްހާ ވޯޓުން އެމްޑީޕީ އަށް ކާމިޔާބު ލިބުމަކީ ޕީޕީއެމް އަށް އިންތިހާބުގައި ލިބުނު "ނަސްރެއް" ކަމަށެވެ.

އެމްޑީޕީން އިންތިހާބު ކާމިޔާބު ކުރީ ބިލިއަން ރުފިޔާ ހަަރަދުކޮށްގެން އަދި ކޮންމެ ވޯޓެއް 10،000 ރުފިޔާ އިން ގަނެގެން ކަމަށްވެސް އިދިކޮޅުން ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް އެ ތުހުމަތު އެމްޑީޕީން ދޮގުކުރެ އެވެ.