ބޮލީވުޑް

އާލިއާ އަށް ރަންބީރުގެ ވަރުގެ ލޯބިވެރިއަކު ނެތް!

ރަންބީރު ކަޕޫރަކީ މުޅި ދުނިޔޭގައި ވެސް ނެތް ވަރުގެ ރަނގަޅު ލޯބިވެރިއެއް ކަމަށް އާލިއާ ބަޓް ބުނެފި އެވެ. އާލިއާ ބުނާ ގޮތުގައި ރަންބީރު ވަރުގެ ލޯބިވެރިޔަކު ދުވަހެއްގެ ކޮޅުން ވެސް އޭނާއަކަށް ނުލިބޭނެ އެވެ.

އިންސްޓަގްރާމްގައި ލިޔެ ޝެއާ ކުރި މެސެޖެއްގައި އާލިއާ ރަސްމީކޮށް ރަންބީރަށް "ދުނިޔޭގެ އެންމެ ރަނގަޅު ލޯބިވެރިޔާ"ގެ ލަގަބު ދިނީ ރަންބީރުގެ އޭނާގެ "ގަންގުބާއީ ކަތިއާވަޅީ" ޕްރޮމޯޓް ކޮށްދިނުމަށް މަސައްކަތް ކޮށްދިނީމަ އެވެ.

ހުކުރު ދުވަހު އޮތް މި ފިލްމުގެ ޓްރެއިލާ ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި ރަންބީރު ވަނީ ފިލްމު ޕްރޮމޯޓް ކުރުމަށް ގިނަ މަސައްކަތް ތަކެއް ކޮށްދީފަ އެވެ.

ރަންބީރުގެ އިތުރުން އޭނާގެ މަންމަ ނީތޫ ސިންގް އާއި ދައްތަ ރިދިމާ ވެސް މި ފިލްމު ޕްރޮމޯޓް ކުރުމުގެ ގޮތުން ފިލްމަށް ތައުރީފުކޮށް ސޯޝަލް މީޑިއާގައި މެސެޖުތައް ޝެއާ ކޮށްފައި ވެއެވެ.

ރަންބީރާއި އާއިލާގެ މީހުން ނޫނަސް ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ މީހުން ވެސް މި ޓްރެއިލާ ބަލާފައި އާލިއާގެ ކުޅަދާނަކަމާއި ބިރުކުޑަކަމަށް ތައުރީފުކޮށްފައި ވެއެވެ. އަދި މިކަހަލަ ރޯލެއް ފުރިހަމައަށް ކުޅެލެވޭނީ އާލިއާ ކަހަލަ ހުނަރުވެރި ބަތަލާއަކަށް ކަމަށް އެންމެން ވެސް އެއްބަސް ވެފައި ވެއެވެ.

ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި އާލިއާ ކުޅެނީ ގަންގުބާއި ކިޔާ ވަރަށް ވަރުގަދަ އަންހެނެއްގެ ކެރެކްޓާ އެކެވެ. ހަށިވިއްކުމުގެ ވިޔަފާރިކުރަމުން ގޮސް އެ ސަރަހައްދުގެ އެންމެންގެ ރާނީއަކަށް ގަންގުބާއީ ބަދަލުވާ ގޮތް މި ފިލްމުގައި ފެންނާނެކަމަށް ވެއެވެ.
އަޖޭ ދޭވްގަން އާއި ވިޖޭ ރާޒް މުހިއްމު ރޯލުތަކެއް ކުޅެފައިވާ މި ފިލްމު މި މަހުގެ 25 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރަން އަންނަނީ ތައްޔާރުވަމުންނެވެ.