ހަބަރު

ހިޔާގެ ކުދިންގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމް މީރާއިން ސްޕޮންސާކޮށްފި

ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ލައިފް ސްކިލް ދަސްކޮށްދޭން މިއަހަރު ކުރިއަށްގެންދަން ނިންމާފައިވާ "ސޯލްޓް" ޕްރޮގްރާމް މީރާއިން ސްޕޮންސާކޮށްފި އެވެ.

ސޯލްޓް ޕްރޮގްރާމަކީ ލީޑަޝިޕް އެކަޑެމީއިން އިންތިޒާމްކޮށްގެން ކުޑަކުދިންގެ ހިޔާ އާ ގުޅިގެން، ހިޔާގެ ކުދިންނަށް ދިރިއުޅުމުގެ ހުނަރު ދަސްކޮށްދިނުމަށް އަހަރަކު އެއް ފަހަރު ހިންގާ ތިން މަސްދުވަހުގެ ޕްރޮގްރާމެކެވެ.

މީރާގެ އިޖްތިމާއީ ކަންކަން އޮގަނައިޒް ކުރާ "މީރާ ކްލަބް" އިން ބުނީ "ސޯލްޓް" ޕްރޮގްރާމް ސްޕޮންސާޝިޕަކީ މީރާގެ މުވައްޒަފުންގެ ފަރާތުން ކުޑަކުދިންގެ ހިޔާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކޮންމެ އަހަރަކުވެސް އެ އޮތޯރިޓީން ހިންގާ ހަރަކާތްތަކުގެ ބައެއް ކަމަށެވެ. އެގޮތުން އިއްޔެ ވެސް މީރާގެ މުވައްޒަފުން ވަނީ ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ހަވީރެއް ބާއްވައި އެތަނުގެ ކުދިންނާއެކު ހިތްގައިމު ވަގުތުތަކެއް ހޭދަކޮށްފަ އެވެ.

ކުޑަކުދިންގެ ހިޔާގެ ސީއީއޯ ޒީނާޒު އަދުނާން ވަނީ އެކި ކަންކަމުގައި މީރާގެ ފަރާތުން ކުޑަކުދިންގެ ހިޔާއަށް ލިބޭ އެހީތައް ފާހަގަކޮށް ޝުކުރު އަދާކުރައްވާފަ އެވެ.