ބޮލީވުޑް

މިއަހަރު ކައިވެނިކުރަން ޝަމީތާ އުންމީދު ކުރޭ

ބަތަލާ ޝަމީތާ ޝެޓީ އާއި ޓީވީ އެކްޓަރު ރާގޭޝް ބާޕަޓް ފުރަތަމަ ބައްދަލުވީ "ބިގް ބޮސް އޯޓީޓީ"ގައި ދެ މީހުން ބައިވެރިވުމުންނެވެ. އެ ޝޯ ގަވާއިދުން ބެލި މީހުންނަށް މި ދެ މީހުންގެ މެދުގައި ލޯބި އުފެދުނު ގޮތް ވަރަށް ރަނގަޅަށް ފެނިފައި ވެއެވެ. ފަހުން އަނެއްކާ ދެ މީހުން ވަނީ ކަލާޒް ޗެނަލްގެ "ބިގް ބޮސް ސީޒަން 15"ގައި ވެސް ބައިވެރިވެފަ އެވެ. ނަމަވެސް މާ ގިނަ ދުވަހަކު ރާގޭޝް ބިގް ބޮސްގެ ގޭގައި ނުހުރެ އެވެ.

މިހާރު ބިގް ބޮސްގެ މިފަހަރުގެ ސީޒަން ނިމި ހުރިހާ ބައިވެރިން ގޭގެއަށް ގޮސްފައިވާއިރު ރާގޭޝް އާއި ޝަމީތާ ވަނީ އެމީހުންގެ ލޯބީގެ ގުޅުން އިތުރަށް ވަރުގަދަކުރަން ބޭނުންވާކަން ހާމަކޮށްފަ އެވެ.

ޝަމީތާ ބުނި ގޮތުގައި މިއަހަރު ތެރޭގައި ކައިވެނިކުރަން އޭނާ ތައްޔާރެވެ. މިހާރު ރާވަމުންދާ ގޮތަށް ކަންތައްތައް ދާނަމަ ރާގޭޝް އާއި އޭނާ މިއަހަރު ނުނިމެނީސް ކައިވެނިކުރާނެ ކަމަށް ޝަމީތާ ބުންޏެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ޝަމީތާ ބުނީ މިހާރު އެންމެ ބޭނުންވީ މަސައްކަތް ކުރުމުގެ އިތުރުން ކައިވެނިކޮށް އާއިލާއެއް ބިނާ ކުރާށެވެ.

ޝަމީތާ ބުނި ގޮތުގައި އެކަނިވެރިކަން އޭނާއަށް އެންމެ ބޮޑަށް އިހްސާސް ކުރެވުނީ ކޮވިޑްގެ ސަބަބުން ލޮކްޑައުންގައި އިންޑީއާ އޮތް ދުވަސްތަކުގަ އެވެ.

އޭނާ ބުނި ގޮތުގައި މިހާތަނަށް ވެސް ކައިވެންޏެއް ނުކުރެވިގެން އުޅުނީ އޭނާއަކީ ވަކި ގަވާއިދުތަކަކުން ވަކި ގޮތަކަށް ދިރިއުޅުން ބައްޓަން ކޮށްގެން އުޅޭ މީހަކަށް ވާތީ އެވެ.

ރާގޭޝް އާއެކު އޭނާގެ ގުޅުން ވަރަށް ރަނގަޅުކަމަށާއި އެ ދެ މީހުންގެ ދިރިއުޅުން ވަރަށް އުފާވެރިކަމަށް ޝަމީތާ ބުންޏެވެ.

ޝަމީތާ ދާދިފަހުން ވަނީ އޭނާގެ 43 ވަނަ އުފަން ދުވަސް ފާހަގަކޮށްފަ އެވެ. އަދި އުމުރުން ދުވަސްވާތީ ކައިވެނިނުކޮށް ލަސްކުރަން ޝަމިތާ މިހާރު ބޭނުމެއް ނުވެ އެވެ.