ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އުރުދުޣާންގެ ދެމަފިރިން ކޮވިޑްގެ އާލާސްކަފުޅުގައި

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ދެމަފިރިންނަށް ކޮވިޑް ޖެހިވަޑައިގެންފި އެވެ. އުރުދުޣާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުން ދެމަފިރިންނަށް ޖެހިވަޑައިގަތީ ކޮވިޑްގެ އޮމިކްރޮން ވޭރިއަންޓް އެވެ.

އުރުދުޣާންގެ ދެމަފިރިންނަށް ކޮވިޑް ޖެހިވަޑައިގަތްކަން އާންމު ކުރެއްވިއިރު ދެމަފިރިން އެކުގައި ޔުކްރޭންއަށް މިދާކަށް ދުވަހު ވަޑައިގެން އެ ގައުމުގެ ރައީސް ލަޑިމިއަރު ޒީލިއަންސްކީގެ ދެމަފިރިންނާ ވަނީ ބަދައްދަލު ކުރައްވާފަ އެވެ.

ތުރުކީ އާއި ޔުކްރޭންއާ ދެމެދު ވިޔަފާރި އަދި އިގުތިސޯދީ އެއްބާލުމާ ބެހޭ ގޮތުން ދެ ލީޑަރުން މަޝްވަރާ ކުރެއްވި ކަމަށް ތުރުކީ ނޫސްތަކުން ބުނެ އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި އާލާސްކަންފުޅު އެހާބޮޑެއް ނޫނެވެ. ކުޑައިކޮށް ހުން ހުރި ނަމަވެސް ޓްވިޓަރުގައި މެސެޖު ކުރުން އެއްވެސް ކަމެއް ނޫނެވެ. އަދި ވިދާޅުވީ ގާތް މީހުން އަޅާލާކަން ވަރަށް ބޮޑަށް އިހުސާސް ކުރެއްވޭ ކަމަށެވެ.

އުރުދުޣާންއަށް އަވަސް ޝިފާއަކަށް އެދި ވަޑައިގެން ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ މެސެޖް ކުރައްވާފަ އެވެ.

ހެޔޮއެދުން ފޮނުއްވި ލީޑަރުންގެ ތެރޭގައި ސައިޕްރަސް އާއި ޔުކްރޭން އަދި އަޒަރުބައިޖާން ހިމެނެ އެވެ.

އުރުދުޣާން ވިދާޅުވި ގޮތުން އުއްމީދު ކުރައްވަނީ ދެތިން ދުވަހުގެ ތެރޭގައި އާންމު ހާލަތަށް ޖުރުއަވާނެ ކަމަށެވެ. އަނބިކަމަނާގެ ހާލަތު ވެސް އެއްހަމައެއްގައި ހުރިކަން ފާހަގަކުރެއްވި އެވެ.

އުރުދުޣާން އަކީ ދުނިޔޭގައި މިފަހަކުން ވަރަށް ނުފުޒުގަދަ ލިޑަރެކެވެ. ދުނިޔޭގައި ބާރުގަދަ ގައުމުތަކުން ކުޅޭ ކުޅިގަނޑު އަނބުރާލެއްވުމުގައި އުރުދުޣާންގެ ދައުރު ވަަރަށް ބޮޑެވެ.

ރަޝިއާ އާއި ޔުކްރޭންއާ ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަމުގެ ތެރެއަށް ވަދެވަޑައިގެން ދެގައުމުގެ ލީޑާރުން އެއްމޭޒު ދޮށަށް ގެނެވޭތޯ އުރުދުޣާން ގެންދަނީ މަސައްކަތް ކުރައްވަމުންނެވެ.

ރަޝިއާ އާއި ޔުކްރޭން ރުޅިއެރުވުމުގައި ބައެއް ގައުމުތަކުން ޝާމިލުވެ އުޅޭއިރު ތުރުކީ މަސައްކަތްކުރަނީ ދެގައުމު އެއްގަލަކަށް އެރުވޭތޯ އެވެ.