އިސްލާމިކް މިނިސްޓްރީ

ރޯދަ މަހަށް ހާފިޒުން ހޯދަން އިއުލާންކޮށްފި

Feb 6, 2022

ކުރިއަށް އޮތް ރޯދަ މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދު ކުރާނެ ދިވެހި ހާފިޒުން ހޯދުމަށާއި ބޭރުގެ ހާފިޒުން ގެންނަން ބޭނުންވާ ފަރާތްތަކުން އިސްލާމިކް މިނިސްޓްރީގެ ހުއްދަ ހޯދުމަށް ހުޅުވާލައިފި އެވެ.

މިނިސްޓްރީން ވަކިވަކިން ކޮށްފައިވާ ދެ އިއުލާންގެ ތެރެއިން އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދުކުރާނެ ދިވެހި ހާފިޒުން ހޯދަން ކުރި އިއުލާންގައި ބުނެފައިވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މާލޭގައި ނަމަ އިސްލާމިކް މިނިސްޓްރީ އަށް އަދި އަތޮޅު ތެރޭގައި ނަމަ އެ ރަށެއް ނިސްބަތްވާ ރަށު ކައުންސިލަށް ކަމާ ގުޅޭ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް އެދޭ ކަމަށެވެ. ބޭރުގެ ހާފިޒުން ގެންނަން ބޭނުންވާ ފަރާތްތަކުން ހުއްދަ ހޯދުމަށްވެސް އަމަލުކުރަން ޖެހެނީ އެ އުސޫލުންނެވެ.

މާލޭގެ މިސްކިތެއްގައި ހިފްޒުކޮށް ތަރާވީހު ނަމާދުކުރަން ބޭނުންވާނަމަ މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން އަދި އަތޮޅު ތެރޭގެ މިސްކިތެއްގައިނަމަ މިމަހު 24 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ދިވެހި ހާފިޒުން ޝައުގުވެރިކަން ފާޅުކުރާ ފޯމާއި ބޭރުގެ ހާފިޒުން ހުއްދަ އަށް އެދޭ ފޯމް ހުށަހަޅަންޖެހެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހާފިޒުންނަށް އެލަވަންސް ދެވޭނީ ނަމާދުކުރާ ކޮންމެ ރެއަކަށް ބޭރުގެ ހާފިޒެއް ނަމަ 200 ރުފިޔާ އަދި ދިވެހި ހާފިޒެއް ނަމަ 500 ރުފިޔާ ކަމަށެވެ. ގިނަވެގެން ފައިސާ ދެވޭނީ މިސްކިތަކަށް ދިވެހި ދެ ހާފިޒުންނަށް ކަމަށްވެސް ބުނެފައިވެ އެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބޭރު މީހުންނަށް ހިފްޒުކޮށް އިމާމުވެ ތަރާވީހު ނަމާދު ކުރުމުގެ ހުއްދަ ދެވޭނީ ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ -- ވާކްޕާމިޓް އޮންނަ އަދި އެފަދަ ދާއިރާއަކާ ގުޅޭ މުއައްސަސާ އެއް މަރުކަޒެއް ނުވަތަ ގުރުއާން ކުލާހެއްގައި މަސައްކަތް ކުރާ އަދި ހާފިޒް ކަމުގެ ސެޓްފިކެޓް ލިބިފައިވާ ނަމަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ރޯދަ މަހު މިސްކިތްތަކުގައި އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދު ކުރަން ހާފިޒުން ހޯދުމަކީ އިސްލާމިކް މިނިސްޓްރީން ރޯދަ މަހާ ދިމާކޮށް ދުރާލާ ކުރަމުން އަންނަ މަސައްކަތެކެވެ.