އެޗްޑީސީ

ޗެނަލް ޕާކްގައި މޫދު ކުޅިވަރު މަނާ

Feb 6, 2022

ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ސަރަހައްދުގައި ބްރިޖް ދަށުން ހަދާފައިވާ ލޮނުގަނޑުގައި މޫދު ކުޅިވަރުގެ ހަރަކާތްތައް ހިންގުން މަނާ ކަމަށް އެޗްޑީސީ އިން ބުނެފި އެވެ.

ހުޅުމާލޭގެ ބެލެނިވެރިކަން އޮތް އެޗްޑީސީން މިއަދު އާންމުކުރި ކުރު ނޯޓިހެއްގައި ބުނެފައިވަނީ ޗެނަލް ޕާކު ސަރަހައްދުގައި ހަދާފައިވާ ލޮނުގަނޑުގައި މޫދު ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެއީ ރައްކާތެރި ކަމެއް ނޫން ކަމުން އެފަދަ އެއްވެސް ކުޅިވަރު ހަަރަަކާތެއް ނުބޭއްވުމަށް އެޗްޑީސީން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި ބުނީ އެ ސަރަހައްދުގައި ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ހިނގަމުންދާ ކަމަށެވެ. ކުރިމަތިވެދާނެ ނުރައްކަލުން ސަލާމަތްވުމަށް އެ ސަރަހައްދަށް ވަދެ އުޅުން ރައްކާތެރި ނޫން ކަމަށްވެސް ބުނެފައިވެއެވެ.

ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ސަރަހައްދުގައި ބްރިޖް ދަށުން ހަދާފައިވާ ލޮނުގަނޑު ސަރަހައްދު ފެންނަނީ ވަރަށް ހިތްގައިމު ކޮށެވެ. މަދު މަދުން ނަމަވެސް ޒުވާނުން އެ ތަނަކަށް އެރި އުޅޭ މަންޒަރު ފެނެއެވެ.

ޗެނަލް ޕާކް ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ކެފޭ / ރެސްޓޯރަންޓް ހަދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮތީ ހުޅުވާލާފައެވެ. ޗެނަލް ޕާކް ސަރަހައްދު ތަރައްގީކޮށް ނިމޭއިރު އެ ސަރަހައްދުގެ 14 ބިމެއްގައި ކެފޭ / ރެސްޓޯރަންޓް ހިންގާނެ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.