ރައީސް މައުމޫން އަބްދުލްގައްޔޫމް

"ކޮން ފަދަ އަނިޔާވެރި ހާދިސާ އެއް"

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެބްރުއަރީ 6، 2018 ގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރު ކުރި ކުރުމަކީ ވަރަށް އަނިޔާވެރި އަމަލެއްގެ ގޮތުގައި އެމަނިކުފާނު ސިފަ ކުރައްވައިފި އެވެ. މިއަދަކީ އެ ހާދިސާއަށް ހަތަރު އަހަރު ފުރުނު ދުވަހެވެ.

އެ ދުވަހުގެ ހަނދާން އައުކޮށް މީހަކު ކޮށްފައިވާ ޓްވީޓަކަށް ރައީސް މައުމޫން ދެއްވެވި ޖަވާބެއްގައި ވިދާޅުވީ އެއީ ވަރަށް އަނިޔާވެރި އަމަލެއް ކަމަށެވެ.

"ކޮން ފަދަ އަނިޔާވެރި ހާދިސާއެއް،" މައުމޫންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އެ ދުވަހުގެ ރޭ ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ އެމަނިކުފާނުގެ ގެކޮޅަށް އެސްއޯ ފުލުހުން ގޮހެވެ. އެމަނިކުފާނު ހައްޔަރުކުރީ ކޯޓު އަމުރެއް ނެތި އެވެ. އަދި އެމަނިކުފާނު ދިރިއުޅުއްވާ ކޮޓަރިކޮޅު ވެސް ފުލުހުން ވަނީ ބަލާ ފާސްކޮށްފަ އެވެ. އަދި ހަމަ އެ ރޭ ދޫނިދޫއަށް ގެންގޮސް ވަނީ ޖަލުގައި ބަންދުކޮށްފައެވެ.

ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ބަހައިގެން ގާނޫނީ ވެރިކަން ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތަށެވެ. ރައީސް މައުމޫންގެ އިތުރުން އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވެސް އެ ރޭ ހައްޔަރުކުރި އެވެ. ދެ ބޭފުޅުން ހައްޔަރުކުރީ، ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު ގާނޫނު އަސާސީއިން ލިބިދޭ ގިނަ ހައްގުތަކެއް ހިފަހައްޓާފައިވަނިކޮށެވެ.

އެގޮތުން ގާނޫނާ ހިލާފަށް ހައްޔަރުނުކުރުމާއި ބަންދުނުކުރުމާއި ހައްޔަރުކުރުމުގެ މާއްދާ ވަނީ ހިފަހައްޓާފަ އެވެކުށްކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުމުގެ މާއްދާ ވެސް ހިފަހައްޓާފައިވާއިރު، އިސްތިއުނާފުކުރުމުގެ ހައްގު ވެސް ނުދޭން ސަރުކާރުން އޭރު އޮތީ ނިންމާފަ އެވެ.

ރައީސް މައުމޫންގެ މައްޗަށް އެ ފަހަރު ދައުވާތަކެއް އުފުލާ ޖަލަށްވެސް ލެވުނެވެ. ރިޔާސީ އިންތިހާބުން ރައީސް ޔާމީން ބަލިވެވަޑައިގަތުމާއި ހަމައަށް އަށެއްކަ މަސް ދުވަހު ރައީސް މައުމޫން ހުންނެވީ ޖަލު ބަންދުގައެވެ.