ސަރުކާރުގެ އަމާޒަކީ މިހާރު ފަށާފައިވާ މަގު ހެދުމުގެ ޕްރޮޖެކްޓްތައް އަންނަ އަހަރުގެ ތެރޭގައި ނިންމުން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ މުވައްޒަފުންނަށް ހިންގުނު ކޯހެއް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށާއި މުވައްޒަފުންނަށް ސްކޮލަޝިޕްތަކެއް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ، އެމްއާރްޑީސީއަކީ މަގު ހެދުމުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންދާ ކުންފުންޏެއް ކަމަށާއި މިހާރު ފަށާފައިހުރި މަގު ހެދުމުގެ މަޝްރޫއުތައް އަންނަ އަހަރު ނިންމައި އަތް ދޫކޮށްލަން އަމާޒު ހިފާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހަކީ ކުރިއަށް އޮތް އަހަރަކީ ހާއްސަ ގޮތެއްގައި ގިނަ މަޝްރޫއުތަކެއް ނިމިގެންދާނެ އަހަރަކަށް ވެގެން ދިއުން، އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތް އަންނަ އަހަރުގެ ތެރޭގައި މިހާރު ފަށާފައިހުރި ގިނަ މަގު ހެދުމުގެ މަޝްރޫއުތަކެއް ނިމިގެންދާނެ ކަމަށް،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރަށެއް ތަރައްގީވާނީ އެރަށެއްގެ މަގުތައް ހެދިގެން ކަމަށާއި މާލޭގެ މަގުތައް މަސައްކަތް ކުރިއަށް ގެންދަނީ ވެސް އޭގެ ނަފާ ރައްޔިތުންނަށް ލިބޭތީ ކަމަށެވެ.
ރަށްރަށުގައި މަގު ހެދުމުގެ ގިނަ މަޝްރޫއުތަކެއް މިހާރު ކުރިއަށްގެންދާ ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެެ. އަދި އަންނަ އަހަރުގެ ބަޖެޓްގައި ވެސް މަގު ހެދުމުގެ ގިނަ މަޝްރޫއުތަކެއް ހިމަނާފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެމްއާރްޑީސީގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ އެޑްވާންސް އެކްސެލް ޕްރޮގްރާމް ހަތް މުވައްޒަފަކު ފުރިހަމަކޮށް މިއަދު ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ. އަދި ފޯކަސް އެޑްއުކޭޝަނުން ހިންގާ، ޑިޕްލޮމާ އިން ޕްރޮޖެކްޓް މެނޭޖްމެންޓް ކޯހުން އެމްއާރްޑީސީގެ 10 މުވައްޒަފަކަށް ވަނީ ސްކޮލަޝިޕް ދޫކޮށްފައެވެ. އެއް އަހަރާއި ހަ މަސް ދުވަހަށް ކުރުއަށްދާ މި ކޯހުން އެމްއާރްޑީސީގެ އެކި ބްރާންޗްތަކުގެ މުވައްޒަފުންނަށް ވަނީ ފުރުސަތު ދީފައެވެ.