ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ލަތާގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

Feb 6, 2022
1

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ، ލަތާ މަންގޭޝްކަރު މަރުވުމާއި ގުޅިގެން އޭނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިިމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ލަތާ މަރުވުމުގެ ހިތާމަފާޅު ކުރައްވާ ރައީސް ވިދާޅުވީ ލަތާގެ ވަކިވުމަކީ އިންޑިއާއަށް ގެއްލިގެން ދިޔަ ތަރިކަ އެއް ކަމަށެވެ. ލަތާގެ ތަފާތު ލަވަތަކުން އަދިވެސް އެތައް ބަޔަކަށް ހިތްހަމަޖެހުން ލިބެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ލަތާ މަރުވުމުން އޭނާގެ އާއިލާއާ އިންޑިއާގެ ރައްޔިތުންނަށް ހަމްދަރުދީ ފޮނުވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އުމުރުން 92 އަހަރުގައި ލަތާ މަރުވެފައި ވަނީ އިންޑިއާގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ހޯދަމުން އަންނަނިކޮށެވެ. އޭނާ މަރުވީ މިއަދު ހެނދުނު ރާއްޖެ ގަޑިން 8:00 ހާއިރު އެވެ.

މީގެ ތިން ހަފުތާ ކުރިން ލަތާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުންނެވެ. އޭރު އާއިލާއިން ބުނެފައި ވަނީ އޭނާގެ ހާލު ސީރިއަސް ނޫން ކަމަށާއި، އައިސީޔޫއަށް ގެންދިޔައީ އުމުރުން ދުވަސްވެފައި ވާތީ ރައްކާތެރިކަމުގެ ގޮތުން ކަމަށެވެ. ފަހުން އޭނާ ދިޔައީ ނިއުމޯނިއާ އާ ވެސް ހަނގުރާމަ ކުރަމުންނެވެ.

ލަތާ އަކީ އިންޑިއާގެ މިއުޒިކީ ދާއިރާގެ ލެޖެންޑެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެކެވެ. އޭނާގެ މިއުޒިކް ކެރިއަރު ފަށާފައި ވަނީ 1942 ވަނަ އަހަރުން ފެށިގެންނެވެ. އޭނާ ވަނީ އިންޑިއާގެ 36 ބަހަކުން އަދި ބޭރުގެ ބަސްބަހުން ވެސް ލަވަ ރެކޯޑުކޮށްފަ އެވެ. އަދި ދިވެހިންގެ ތެރޭގައި ވެސް މަޝްހޫރު އެތައް ލަވައެއް އޭނާ ކިޔައިފައިވެ އެވެ.