ބޮލީވުޑް

ކަރަން ޕްރޮޕޯޒް ކޮށްފާނެ ކަމާމެދު ޝައްކު: ތޭޖާސްވީ

އެންމެ ފަހުން ނިމުނު "ބިގް ބޮސް 15"ގެ ޓްރޮފީ ހާސިލުކުރި ތޭޖާސްވީ ޕްރަކާޝް އާއި ދެ ވަނަ ރަނަރަޕް ކަރަން ކުންދްރާގެ ލޯބީގެ ވާޙަކައަކީ ބިގް ބޮސް ފޭނުން އަބަދުވެސް ހަނދާންކުރާ ވަރުގެ ވާހަކަ އެކެވެ. ނަމަވެސް މި ލޯތްބަށް އުފާވެރި ނިމުމެއް އަތުވެދާނެތޯ އޭރު ވެސް އަދި މިހާރު ވެސް ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

މިދިޔަ ހުކުރު ދުވަހު ތޭޖާސްވީ ބޭއްވި އިންސްޓަގްރާމް ލައިވް ސެޝަން އެއްގައި ފޭނަކު އޭނާއާ ކުރި ސުވާލަކަށް ޖަވާބު ދެމުން ތޭޖާސްވީ ބުނީ ކަރަން އަދި އޭނާ ކުރެން ކައިވެންޏަށް ނާހާ ކަމަށެވެ. ތޭޖާސްވީ ބުނި ގޮތުގައި ކަރަން މިހާރު ވެސް އުޅެނީ ބިގް ބޮސް ގޭގައި ކަރަންގެ ގާތް އެކުވެރިއެއްގެ ގޮތުގައި އުޅުނު އުމަރު ރިޔާޒު ކައިރިއަށް ދާށެވެ. އެހެންވީމަ ޕްރޮޕޯޒް ކުރާނީ އޭނާއަށް ހެން ހީވާ ކަމަށް ޖޯކަކަށް ހަދާފައި ތޭޖާސްވީ ބުންޏެވެ.

ތޭޖަސްވީ ބުނި ގޮތުގައި ކަރަން އުޅެނީ އެހެން މީހުންނާ ބައްދަލުކުރުމުގައި ބިޒީ ވެގެންނެވެ. އޭނާއާ ބައްދަލުކުރާނެ ވަގުތެއް ކަރަން އަކަށް ނުވެ އެވެ. އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި ކޮންމެ ދުވަހަކުވެސް އޭނާއާ ކަރަން ބައްދަލު ކުރަން އެދޭ ކަމަށް ތޭޖާސްވީ ބުންޏެވެ. އަދި ކަރަން އާ ދެން ބައްދަލުވާ ފަހަރަކުން ދެ މީހުން އެކުގައި އިންސްޓަގްރާމް ލައިވް ސެޝަން އެއް ބާއްވާނެކަމަށް ތޭޖާސްވީ ވައުދުވި އެވެ.

ތޭޖާސްވީ ބުނި ގޮތުގައި ޓީވީ ތަރިންގެ ތެރެއިން ކަރިޝްމާ ތަންނާ އާއި މޯނީ ރޯއީ ފަދަ ބަތަލާއިން މިހާރު އަންނަނީ ކައިވެނި ކުރަމުންނެވެ. އެމީހުންނަކަށްޓަކައި އޭނާ ވަރަށް އުފާ ކުރެ އެވެ. ނަމަވެސް ކަރަން އަދިވެސް އޭނާ ކައިރީ ކައިވެނިކުރާނަންތޯ ނާހަ އެވެ.

ކަރަން އާއި އުމަރު ރިޔާޒު ވެސް ވަނީ ބުރާސްފަތި ދުވަހު އިންސްޓަގްރާމް ލައިވް ސެޝަން އެއް ބާއްވާފަ އެވެ. މި ސެޝަންގައި ކަރަން ކުރެން އޭނާގެ ފޭނަކު ކައިވެންޏާ ބެހޭ ސުވާލެއް ކުރި އެވެ. ޖަވާބުގައި ކަރަން ބުނީ ވަރަށް އުނދަގޫ ދަތި މާހައުލަކުން އެމީހުން ނުކުތި ދާދިފަހުން ކަމަށާއި އަދި ދުވަސްކޮޅަކު އެކުވެރިންނާއެކު މަޖާކޮށްލާ ހިތްހަމަޖައްސާލަން އުޅެން ބޭނުންވާ ކަމަށެވެ. އަދި ބިގް ބޮސްގެ ގެއިން ނުކުތް ގޮތަށް ތޭޖާސްވީ އަށް ބޮޑު ޝޯއެއްގެ ލީޑު ރޯލު ލިބި ވަރަށް ބިޒީކޮށް އުޅެމުންދާ ކަމަށް ކަރަން ބުންޏެވެ.

އެކްތާ ކަޕޫރު ޕްރޮޑިއުސްކުރާ ކަލާޒް ޓީވީން ދައްކާ "ނާގިން 6"ގެ ބަތަލާ އަކީ ތޭޖާސްވީ އެވެ. އަދި މިހާރު އޭނާ ވަނީ މި ސީރީޒްގެ ޝޫޓިން ފަށާފަ އެވެ.