ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) ފަންޑަށް، މި އަހަރުގެ މިހާތަނަށް ފައިސާ ޖަމާ ކޮށްފައެއް ނުވެ އެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރި ހަފުތާގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ 27 ގެ ނިޔަލަށް އެސްޑީއެފް ފަންޑަށް މި އަހަރުގެ މިހާތަނަށް ފައިސާ ޖަމާކޮށްފައެއް ނުވެ އެވެ.
މިދިޔަ އަހަރުގެ މި މުއްދަތަށް ބަލާނަމަ 393.6 މިލިއަން ރުފިޔާ ޖަމާ ކޮށްފައިވެ އެވެ.
މި އަހަރު އެސްޑީއެފް ފަންޑަށް 769.2 މިލިއަން ރުފިޔާ ޖަމާވާނެ ކަމަށް ބަޖެޓުގައި ބުނެފައިވެ އެވެ. އަދި މި ފަންޑަށް އަންނަ އަހަރު 874 މިލިއަން ރުފިޔާ އަދި 2024 ވަނަ އަހަރު 960 މިލިއަން ރުފިޔާ ޖަމާވާނެ ކަމަށް ވެސް އަންދާޒާ ކޮށްފައިވެ އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ސޮވްރިން ފަންޑުގެ ސައިޒަކީ މިހާރު ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ އެވެ. ނަމަވެސް އެސްޑީއެފް ފަންޑުގެ ބެލެންސުގައި ހުރީ 710.7 މިލިއަން ރުފިޔާ އެވެ.
އެސްޑީއެފް ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތި ވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން އުފައްދާފައިވާ ހާއްސަ ފަންޑެކެވެ. މި ފަންޑު އުފެއްދީ 2017 ވަނަ އަހަރު އެވެ. މި ފައިސާ ޖަމާ ކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ ވީއައިއޭ އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އިންނެވެ.
މި ސަރުކާރުން ވަނީ 2017 ވަނަ އަހަރު ދައުލަތުން ވިއްކި "ސަނީ ސައިޑް ބޮންޑް" އަކަށް މި އަހަރު ދައްކަން ޖެހޭ 250 މިލިއަން އެމެރިކާ ޑޮލަރު މިދިޔަ އަހަރު އަނބުރާ ދައްކާފަ އެވެ. މި ބޮންޑުން ބާކީ ނުދެއްކިވާ އަދި މި އަހަރުގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ 58 މިލިއަން އެމެރިކާ ޑޮލަރު ވެސް އެސްޑީއެފް ފަންޑުން ދައްކާނެ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް، އެސްޑީއެފް ފަންޑަށް އެކަށީގެންވާ ގޮތެއްގައި ފައިސާ ޖަމާނުކުރުމުގެ ޝަކުވާ ތަކެއް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ވަނީ ފާޅު ނުރައްކާފަ އެވެ.
އެސްޑީއެފް ފަންޑަށް މި އަހަރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑާ ގުޅޭ ގާނޫނެއް މި އަހަރު ހަދާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.