ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު

އެސްޑީއެފްގެ ބޭންކް ބެލެންސް އެއް ބިލިއަނުން 98.7 މިލިއަނަށް ވެއްޓިއްޖެ

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް)ގެ ބޭންކް ބެލެންސް އެއް ބިލިއަން ރުފިޔާ އިން 98.7 މިލިއަން ރުފިޔާއަށް ދަށަށް ހިނގައްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން އެސްޑީއެފް ބޭންކް ބެލެންސްގައި މިމަހުގެ 17 ވަނަ ދުވަހު ހުރީ 98.7 މިލިއަން ރުފިޔާ އެވެ. ނަމަވެސް އޮކްޓޫބަރު 27ގައި އެ އަދަދު ހުރީ އެއް ބިލިއަން ރުފިޔާގައި ކަމަށް ތަފާސްހިސާބުތައް ދައްކަ އެވެ.

އެސްޑީއެފް ބޭންކް ބެލެންސްގެ އަދަދު އޭގެ ފަހުން ވަނީ ކުއްލިއަކަށް ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.

އެގޮތުން ނޮވެމްބަރު ދެވަނަ ދުވަހު އެސްޑީއެފް ބޭންކް ބެލެންސްއަކީ 72.3 މިލިއަން ރުފިޔާ އެވެ. ނޮވެމްބަރު 10 ވަނަ ދުވަހު އެ އަދަދު ހުރީ 80 މިލިއަން ރުފިޔާގަ އެވެ. އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 17 ވަނަ ދުވަހު އެ އަދަދު ހުރީ 98.7 މިލިއަން ރުފިޔާގަ އެވެ.

ސޮވެރިން ޑިވްލޮޕްމަންޓް ފަންޑަށް މިއަހަރު 720 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. މިއަހަރު ނިމޭއިރު ފަންޑަށް 769.2 މިލިއަން ރުފިޔާ ޖަމާކުރުމަށް އަންދާޒާކޮށްފައިވެ އެވެ.