ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު

ސޮވްރިން ފަންޑުގެ ސައިޒު 5.2 ބިލިއަން ރުފިޔާއަށް ބޮޑުވެއްޖެ

ރާއްޖޭގެ ލޯނުތައް އަނބުރާ ދެއްކުމުގެ ގާބިލްކަން ހޯދަން އުފައްދައި ބޮޑު ކުރަމުން ގެންދާ، ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) 5.2 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ވެއްޖެ އެވެ.

ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް 2017 ވަނަ އަހަރު އުފެއްދި އެސްޑީއެފް ފަންޑުގެ ސައިޒަކީ މިހާރު 5.2 ބިލިއަން ރުފިޔާ އެވެ. އަދި މި ފަންޑަށް އެންމެ ފަހުން ޖަމާކޮށްފައިވަނީ 149.9 މިލިއަން ރުފިޔާ އެވެ.

ފިނޭންސުން މިދިޔަ މަހުގެ ނިޔަލަށް އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ފަންޑަށް އެންމެ ފަހުން 149.9 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ. މި އަދަދަކީ މިދިޔަ އަހަރު ޖަމާކުރި 103.2 އަދަދާ ބަލާއިރު ނިސްބަތުން އިތުރު އަދަދެކެވެ.

މި މައުލޫމާތުތައް ދައްކާ ގޮތުން ފަންޑުގެ ސައިޒު ބޮޑުވިއިރު ފަންޑުގެ ބޭންކް ބެލެންސު ވެސް ވަނީ އިތުރުވެފަ އެވެ. މިހާރު މި ފަންޑުގެ ބޭންކް ބެލެންސުގެ ގޮތުގައި ދެ ބިލިއަން ރުފިޔާ އެބަހުއްޓެވެ.

ސޮވްރިން ފަންޑަށް ފައިސާ ޖަމާ ކުރަނީ ވީއައިއޭ އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އެވެ. ނަމަވެސް، އެސްޑީއެފް ފަންޑަށް އެކަށީގެންވާ ގޮތެއްގައި ފައިސާ ޖަމާ ނުކުރުމުގެ ޝަކުވާ ތަކެއް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ވަނީ ފާޅު ކުރައްކާފަ އެވެ.