ވިޔަފާރި

އެސްޑީއެފް ފަންޑުގައި ހުރީ 3.2 ބިލިއަން ރުފިޔާ

ސަރުކާރުން ނަގާ ލޯނުތަކަށް ފައިސާ ދައްކަން އުފެއްދި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑް (އެސްޑީއެފް) ގައި މިހާރު ހުރީ 3.2 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކުރަމުން ގެންދާ ހަފުތާގެ މާލީ ރިޕޯޓު ދައްކާ ގޮތުގައި އެސްޑީއެފް ފަންޑުގެ މިހާރުގެ ސައިޒަކީ 3.2 ބިލިއަން ރުފިޔާ (ގާތްގަނޑަކަށް 207 މިލިއަން ޑޮލަރު) އެވެ. މައުލޫމާތުތަކުގައިވާ ގޮތުން މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އެ ފަންޑަށް ޖަމާކޮށްފައިވަނީ 273 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި މި ފަންޑަށް 1.3 ބިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ.

އެސްޑީއެފް ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތި ވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން އުފައްދާފައިވާ ހާއްސަ ފަންޑެކެވެ. އެސްޑީއެފް އުފެއްދީ 2017 ވަނަ އަހަރު އެވެ. މި ފައިސާ ޖަމާ ކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ ވީއައިއޭ އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އެވެ.

ނަމަވެސް، އެސްޑީއެފް ފަންޑަށް އެކަށީގެންވާ ގޮތެއްގައި ފައިސާ ޖަމާ ނުކުރުމުގެ ޝަކުވާ ތަކެއް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ވަނީ ފާޅުކުރައްވާފަ އެވެ. ރައްޔިތުން މަޖިލީހުގައި މި އަހަރުގެ ބަޖެޓަށް މަރުކަޒީ ބޭންކުގެ ލަފާ ދެއްވަމުން ގަވަރުނަރު އަލީ ވިދާޅުވެފައިވާ ގޮތުގައި އެ ފަންޑު ގާއިމް ކޮށްފައިވާ މަގުސަދަކީ ބޭރުގެ ފަރާތް ތަކުން ނަގާފައިވާ ސުކޫކް އާއި ބޮންޑު ފަދަ ތަކެތި އެ ފަންޑަށް ޖަމާކުރާ ފައިސާ އިން އަނބުރާ ދައްކަން ކަމަށެވެ.

"އެސްޑީއެފަށް ޖަމާ ކުރާ އަދަދު އިތުރު ކުރެވޭ ގޮތެއް ހަމަ ޖެއްސުން މުހިންމު. ކުރިއަށް އޮތް ތަނުގައި އަނބުރާ އަދާ ކުރަން ޖެހޭ ސުކޫކް އަދި ބޮންޑު ފަދަ ތަކެއްޗަށް، ފައިސާ ދެއްކޭ މިންވަރަކީ މި ފަންޑަށް ފައިސާ ޖަމާ ކުރެވޭ މިންވަރު، އެހެންކަމުން މިއީ މުހިންމު ކަމެއް ކަމުގައި ފާހަގަ ކުރަން،" އަލީ ވިދާޅުވި އެވެ. "ހާއްސަކޮށް 2020 އަދި 2021 ވަނަ އަހަރު ޖުމްލަ 500 މިލިއަން ޑޮލަރުގެ ބޮންޑު ވިއްކަން އަންދާޒާ ކޮށްފައިވާއިރު، މި ބޮންޑު އަނބުރާ އަދާ ކުރަން އެސްޑީއެފަށް ޖަމާ ކުރާ އަދަދު އިތުރު ކުރެވޭނެ އަދަދު ހަމަ ޖެއްސުން މުހިންމު،"