ގާތްގަނޑަކަށް ނުވަ ބިލިއަން ރުފިޔާގެ ދަރަނި 2026ގައި ދައްކަން ޖެހޭއިރު އެ ދަރަނި ދައްކަން ބޭނުންވާ ފައިސާ ސޮވްރިން ޑިވްލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް ޖަމާވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ބޮޑު ދަރަނި ދައްކަންވާއިރަށް 2026 ވަނަ އަހަރަށް ސޮވްރިން ފަންޑް (އެސްޑީއެފް) ފަންޑަށް ފައިސާ ޖަމާވެފައި ހުންނާނެ ކަމަށެވެ.
"ސޮވްރިން ފަންޑުގައި ވެސް ފައިސާ ހުންނާނެ. އިރާދުކުރެއްވިއްޔާ މާކެޓު ފްރެންޑްލީ ގޮތަކަށް މާކެޓު ލައިބިލިޓީ މެނޭޖުމަންޓް އެކްސައިޒެއް ހިންގައިގެން ޕްރޮޕާ ޑެޑް މެނޭޖުމަންޓް ގޮތަށް އެކަން ކުރާނީ،" އަމީރު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި އެސްޑީއެފް ގާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ އެކަމާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ފޮނުވާނެ ކަމަށެވެ.
އެންމެ ފަހުން ވިއްކި ސްކޫކް އާއި ލޯނަކަށް ދަރަނީގެ ގޮތުގައި 2026 ވަނަ އަހަރު ނުވަ ބިލިއަން ރުފިޔާ އަނބުރާ ދައްކަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި އެއް އަހަރެއްގެ ތެރޭގައި މިހާތަނަށް އެންމެ ބޮޑު އަދަދެއްގެ ދަރަނި އަދާކުރަން ޖެހޭނީ 2026 ވަނަ އަހަރު އެވެ. އެ ދަރަންޏަކީ މިދިޔަ އަހަރު ބޭރަށް ވިއްކަން ހުޅުވާލި 500 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ)ގެ ސްކޫކް އަށް އަނބުރާ ދަކަން ޖެހޭ ދަރަންޏެވެ.
މީގެ އިތުރުން ހިމެނެނީ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް ފަންޑު (އޭޑީއެފްޑީ) ލޯނުގެ ގޮތުގައި ނެގި 100 މިލިއަން (1.5 ބިލިއަން ރުފިޔާ) އެވެ. މި ލޯނު އަނބުރާ ދެއްކުން ވަނީ ތިން އަހަރަށް ފަސްކޮށްދީފަ އެވެ. އެހެންވެ މި ލޯނާއި ސްކޫކު އެއްކޮށް ދަރަނީގެ ގޮތުގައި 2026 ވަނަ އަހަރު 600 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) 2026 ވަނަ އަހަރު ދައްކަން ޖެހޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް 2017 ވަނަ އަހަރު އުފެއްދި އެސްޑީއެފް ފަންޑުގެ ސައިޒަކީ މިހާރު 5.2 ބިލިއަން ރުފިޔާ އެވެ. އަދި މި ފަންޑަށް އެންމެ ފަހުން ޖަމާކޮށްފައިވަނީ 149.9 މިލިއަން ރުފިޔާ އެވެ. ސޮވްރިން ފަންޑަށް ފައިސާ ޖަމާ ކުރަނީ ވީއައިއޭ އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އެވެ. ނަމަވެސް، އެސްޑީއެފް ފަންޑަށް އެކަށީގެންވާ ގޮތެއްގައި ފައިސާ ޖަމާ ނުކުރުމުގެ ޝަކުވާ ތަކެއް މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވަނީ ފާޅުކުރައްވާފަ އެވެ.