ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަށްޓަކައި ނަގާ ލޯނުތައް އަނބުރާ ދެއްކުމުގެ ގާބިލްކަން ހޯދަން އުފެއްދި، ސޮވެރިން ފަންޑް، ފަހަަށް ރައްކާ ކުރާ ފަންޑަށް މި އަހަރު ޖަމާކުރި ފައިސާ މަދުވެއްޖެ އެވެ.
ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް 2017 ވަނަ އަހަރު އުފެއްދި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) ފަންޑުގެ މައުލޫމާތު ފިނޭންސް މިނިސްޓްރީން މިމަހު ހާމަ ކޮށްފައިވާއިރު މި ފަންޑަށް މިހާތަނަށް ޖަމާވި ކަމަށް ދައްކަނީ 59.5 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް ބަލާނަމަ މި ފަންޑަށް 92.2 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފަ އެވެ.
އެސްޑީއެފް ފަންޑުގެ މިހާރުގެ ބެލެންސެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނީ 4.5 ބިލިއަން ރުފިޔާ އެވެ. އަދި މި ފަންޑުގެ ބޭންކް ބެލެންސުގެ ގޮތުގައި ހުރީ 1.3 ބިލިއަން ރުފިޔާ އެވެ.
ސޮވްރިން ފަންޑަށް ފައިސާ ޖަމާ ކުރަނީ ވީއައިއޭ އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އެވެ. ނަމަވެސް، އެސްޑީއެފް ފަންޑަށް އެކަށީގެންވާ ގޮތެއްގައި ފައިސާ ޖަމާ ނުކުރުމުގެ ޝަކުވާ ތަކެއް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް ވަނީ ފާޅު ކުރައްކާފަ އެވެ.
މި ސަރުކާރުން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު ދައުލަތުން ވިއްކި "ސަނީ ސައިޑް ބޮންޑް" މި އަހަރު ދައްކަން ޖެހޭ 250 މިލިއަން އެމެރިކާ ޑޮލަރު މިދިޔަ އަހަރު އަނބުރާ ދައްކާފަ އެވެ. މި ބޮންޑުން ބާކީ ނުދެއްކިވާ އަދި މި އަހަރުގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ 58 މިލިއަން އެމެރިކާ ޑޮލަރު ވެސް އެސްޑީއެފް ފަންޑުން ދައްކާނެ ކަމަށް ބުނެފައިވެ އެވެ.